Last Updated: June 24, 03:22
Wednesday, June 24, 2026
ޚަބަރު

ރައީސް ޔާމީނާ ވާދަ ކުރެވޭނެ ބަޔަކު އިދިކޮޅަކު ނެތް: ޔާމީން

ޕީޕީއެމް/އެމްޑީއޭގެ ހަގީގީ ބާރުގައި ނިކުމެއްޖެ ނަމަ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރެވޭނެ ބަޔަކު އިދިކޮޅަކު އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ "ބައިގަނޑެއް" މި ރާއްޖެ އަކު ނޯންނާނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތުހާބް ނާކާމިޔާބް ވުމާއި ގުޅިގެން ރޭ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ފެށި ސިލްސިލާ ހަރަކާތުގެ ތެރެއިން އެމްޑީއޭ ޖަގަހައިގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ކާމިޔާބް ލިބުނީކަމަށް ވާހަކަދައްކައި ތަންތަނުގައި ލަވަ ޖަހަމުން ދާއިރު އެބައިމީހުންނަކަށް ކިޔޭއެއް ނުކިޔޭއެއް ނޭނގޭ ކަމަށެވެ.

ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތައް ތިބީ މިހާރު އޯވަރ ކޮންފިޑެންސް ވެފައިކަމަށެވެ. ޔާމީން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ރައީސް ޔާމީން ކޮށްދެއްވަމުންދާތީ އެކަން ބަޔަކަށް ހަޖަމް ނުކުރެވިގެން، ފަޔަށް ހިނިއަރައިގެން އުޅެނީ ކަމަށެވެ.

"ރައްޔިތުންގެ ތާއިދެއް އިދިކޮޅު ފަރާތްތަކަށް ނޯންނާނެ، 10 މީހުން އެއްވިޔަސް ނޯންނާނެ، އަޅުގަނޑުމެންގެ ފުލް ސްޓްރެންތުގައި ނިކުމެއްޖެ ނަމަ އަޅުގަނޑުމެން ބަލިކުރެވޭނެ އެއްވެސް ސިޔާސީ ޕާޓީއެއް ސިޔާސީ ބައިގަނޑެއް މި ރާއްޖެއަކު ނޯންނާނެ، މިއީ މިއަދު މިރާއްޖޭގެ ހަގީގަތް"

ޔާމީން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަކީ މި ރާއްޖޭގެ ސިޔާސީ މަސްރަހް މިނެކިރޭނެ އިންތިހާބެއް ނޫންކަމަށެވެ.

"މިއީ ސިޔާސީ މޮޅެއް ނޫން، އެމީހުންނަށް ސިޔާސީ މޮޅަކާއި ގާތްކުރާ ހިސާބަށްވެސް އަދި ނާދޭ، އަދި ކިރިޔާ އަޅުގަނޑުމެން މި ފަށައިގަތީ، އިރާދަކުރެއްވިއްޔާ މި މަސައްކަތް ނިންމާލާއިރު 2018 އޮންނާނީ މުށުތެރޭގައި"

ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަ ބޮޑު ކޯލިޝަނެއް ހަދައިގެން ނިކުތަސް އެކޮލިޝަން "ފޮޅާލާނެކަމަށާއި" މަޖްލިސް ތެރެއިންވެސް "ފޮޅާލާފައިވާ"ކަމަށެވެ.

ރޭގެ ޖަލްސާގައި މަޖްލިސް މެމްބަރުންނާއި، ވަޒީރުން ވަނީ ވަރަށް ޖަޒްބާތުގައި އިންތިހާބްގެ ނާކާމިޔާބީގެ ޝުއޫރު ބޭރުކުރައްވާފައެވެ.