Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ސްކައުޓުން އިސް ނެގުމަށް އެދިވަޑައިގެންފި

މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށްބޮޑު އިޖްތިމާޢީ މައްސަލައަކަށްވާތީ، އެ މައްސަލަ ޙައްލުކޮށް ދެއްވުމަށް، ސްކައުޓް މޫވްމަންޓްގެ ފަރާތުން އިސް ނަންގަވައިގެން މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސް އަދި ޗީފް ސްކައުޓް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު އެދިވަޑައިގެންފި އެވެ.

ރައީސް މިކަމަށް އެދިވަޑައިގަތީ، ފުރަތަމަ ފަހަރަށް ރާއްޖޭގައި ސްކައުޓް ޔޫތު ކައުންސިލެއް އިންތިޚާބުވުމާ ގުޅިގެން، އެ ކައުންސިލްގެ މެންބަރުންނަށް ވޮރަންޓް ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މިންވަރު ދެނެގަތުމަށް، ދާދިފަހުން ކުރެވުނު ޤައުމީ ދިރާސާ އަށް ރައީސް އިޝާރާތް ކުރައްވަމުން، ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް މަސްތުވާތަކެތި ބޭނުން ކުރަމުން ގެންދަނީ ޒުވާނުންކަން، އެ ދިރާސާ އިން އެނގިގެން ހިނގައްޖެ ކަމުގައި ވިދާޅުވި އެވެ.
އަދި އެފަދަ ޒުވާނުންނަށް ސްކައުޓުން އެހީތެރިކަން ފޯރުވައި ދިނުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވެ، ސްކައުޓުންނަކީ ވަކި ޢަހުދެއްގެ މަތީގައި ސާބިތުވެ ތިބި ބަޔަކަށްވުމާ އެކު، މި ކަމަށް ޚާއްޞަ ސަމާލު ކަމެއް ދެއްވައިގެން، ސްކައުޓް ޔޫތު ކައުންސިލްގެ ފަރާތުން މިކަން ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މި ވޭތުވެ ދިޔަ ދިގު މުއްދަތުގައި ރާއްޖޭގެ ސްކައުޓް މޫވްމަންޓް ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި ކަމަށާއި، ސްކައުޓް މޫވްމަންޓްގެ ސަބަބުން ޒުވާނުންނަށް ވަރަށް ރަނގަޅު ފައިދާތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ޒުވާނުންގެ ސްކައުޓިންގ ކަންތައްތައް ރަނގަޅު ކުރުމަކީ، ޤައުމަށް މިހާރު ކޮންމެހެން ބޭނުންވެފައި އޮތް ކަމެއްކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ސްކައުޓް މޫވްމަންޓަށް ދޭން ޖެހޭ އަހަންމިއްޔަތުކަން މިހާރަށް ވުރެ ވެސް އިތުރު ކުރަން އެބަޖެހޭ ކަމަށް ރައީސް ވިދާޅުވެ، އެކަމުގެ މައްޗަށްވެސް ބައްލަވައިލެއްވި އެވެ. އަދި ސްކައުޓިން އާއި ގާލް ސްކައުޓްގެ ޙަރަކާތްތައް، ކިޔަވާ ކުދިންނާއި ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އަލުން ބަޖެޓް ދިރާސާ ކުރައްވައިގެން، މި ބާވަތުގެ ޙަރަކާތްތައް ހިންގަވައި، އެކި ޕްރޮގްރާމްތަކަށް ބޭނުންވާ ބަޖެޓްގެ އެހީ ލިބޭނެ ގޮތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި، މިނިސްޓްރީ އޮފް ފިނޭންސުން މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

މިއަދު ބޭއްވި ޙަފްލާގައި ނޭޝަނަލް ސްކައުޓް ޔޫތު ކައުންސިލްގެ މެންބަރުންނަށް ވޮރަންޓް ޙަވާލުކޮށް ދެއްވީ، ޗީފް ސްކައުޓް ރައީސް ޑރ. ވަޙީދެވެ.