Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

އިދިކޮޅު މީހުންނަށް ވެރިކަން ނުދެއްވާތޯ ދުއާކޮށްދީ: ނިހާން

އިދިކޮޅު ފަރާތްތަކަށް ރާއްޖޭގެ ވެރިކަމުގެ ވޮއް އަލިވާ ހިސާބަށް ވެސް އައުމަށް އެދިވަޑައިނުގަންނަވާ ކަމަށާއި އެކަމަށް އެދި ދުޢާކުރުމުގައި ދެމިތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް ގޮވާލައްވައިފިއެވެ.

އެމްޑީއޭއާއެކު ޕީޕީއެމްއިން ކުރިއަށް ގެންދާ ސިލްސިލާ ޖަލްސާތައް ފެށުމަށް ބުދަ ދުވަހުގެ ރޭ އެމްޑީއޭ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަކާއި އާއި ހަމައަށް އައީ ވެސް ﷲގެ ޚަޟްރަތުގައި އިޚްލާސްތެރި ދުޢާ ކުރުމުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ބިރުދެއްކި އަޅުގަނޑުމެންގެ ގައުމަށް ޖެއްސުން ކުރި އަޅުގަނޑުމެންގެ ގައުމު ގޮވައިގެން އަނެއް ދިވެހިރާއްޖެއަށް ދާން އުޅުނު އަޅުގަނޑުމެންގެ ކަރިކިއުލަމް ބަދަލުކުރަން އުޅުނު ޓީމުގެ މީހުންނަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ވޮއް އަލިވާ ހިސާބަށް ވެސް އައުމަށް ނޭދޭތީވެ އެކަމަށް އެދި ﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޒްރަތަށް ދުޢާ ކުރުމުގައި ދެމިތިބުމަށް ދަންނަވަން."

އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބިގެން ކުރިއަށް ދާން ޖެހޭ ކަމަށް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ބަސްފުޅަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވީ އެކަކު އަނެކެއްގެ ކިބައި ހިތްވަރި ހޯދަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ހިތްވަރު ހޯދަން ޖެހޭނީ މާތްﷲގެ ހަޟްރަތުން ކަމަށެވެ.

" ހަމަވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާލާނަން އަޅުގަނޑުމެން ހިތްވަރު ލިބިގަންނަން ޖެހޭނީ ގަދަ ކީޜިތި ވަންތަ ﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޟްރަތުން" ނިހާން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސަރުކާރަށް އިޝާރަތް ކުރައްވައި ނިހާން ވިދާޅުވީ، "އޭރު އޮތް ސަރުކާރުގެ ލާދީނީ ސިޔާސަތާއި އެވާހަކަތައް އަޅުގަނޑުމެންނަށް އެނގި ކަނޑައެޅިގެން ތިބެ، ހައްދު ގާއިމްނުކުރާނަމޭ ބުނެ އަޅުގަނޑުމެންގެ ގައުމުގެ ކަރިކިއުލަމްގެ ތެރެއަށް ހިތުހުރި އެއްޗެއް ގެންނަން ރޭވީމާ އަޅުގަނޑުމެންގެ މުސްލިމް ރައްޔިތުންގެ އަތްތަކުން ﷲ ތައާލާއަށް ދުޢާ ދެންނެވީ" ކަމަށެވެ.

ނިހާން ވިދާޅުވި ގޮތުގައި އެ ދުޢާތައް އަލުން ކުރަން ޖެހިފައިވާ ކަމީ މިވަގުތު ޕީޕީއެމްގެ މެންބަރުން ނަގަންވީ އެންމެ ވަރުގަދަ އެއް ފިލާވަޅު ކަމަށެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވީ އެ އިންތިހާބް ބަލަނީ އެއީ ފެންދީފައި ކެތިލުން ކަމަށާއި އަދި ފެންދީފައި ކަތި ލުމަކީ ވަރަށް ގިނައިން ކުރާ ކަމެއް ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އާންމުގޮތެއްގައި ކައުންސިލް އިންތިހާބުގެ ނަތީޖާއަކީ ވަރަށް ބޮޑަށް އާއިލާތަކާ ގުޅިފައިވާ އިންތިހާބެއް ކަމަށެވެ. ނަމަވެސް މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީގެ ބޮޑެތި ކިއްލާތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ތަންތަން ޕީޕީއެމް އިން ކާމިޔާބް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހުގެ ދާއިރާ ނިހާން ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ބައިނާޅިއަކުން ބަލިވެގެން މާޔޫސް ވާން ނުޖެހޭ ކަމަށް ނިހާން ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، އޭނާ އަށް ވެސް ގޯސްތަކެއް ހެދިފައި ހުރެދާނެ ކަމަށާއި އެގޮތުން ވިލިމާލެ ދާއިރާއިން ޕީޕީއެމް އަށް ތާއިދު ކުރާ ބައެއް މީހުން އެމްޑީޕީ އަށް ވޯޓް ދިނީ އޭނާ އަށް ހެދުނު ގޯސްތަކެއްގެ ސަބަަބުން ކަމަށްވެދާނެ ކަމަށެވެ.

އެހެން ނަމަވެސް އެ ހުރިހާ ކަމެއް އެއްފަރާތް ކުރުމަށް ފަހު ކުރިއަށް އޮތް ރިޔާސީ އިންތިހާބް ރައީސް އަބްދުﷲ ޔާމީން އަށް ކާމިޔާބް ކޮށްދިނުމަށް ޕީޕީއެމްގެ ހުރިހާ މެންބަރުންނަސް ނިހާން ވަނީ ގޮވާލައްވާފައެވެ.