Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ފުލުހުންގެ ތަހުގީގުގެ ތެރެއިން ފޯނުގެ މޮޑެލް އަޕްގްރޭޑްވެއްޖެ!

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ރިޔާޒިގެ ފޯނުގެ ފޮރެންސިކް ރިޕޯޓާއި އެކު ވަރަށް އާދަޔާ ޚިލާފްކަމެއް ހާމަވެގެން ހިނގައްޖެއެވެ.

ކޯޓް އަމުރެއްގެ ދަށުން ރިޔާޒުގެ އަތުން އަތުލާފައި ވަނީ އައިފޯން 6 ޕްލަސްއެކެވެ. އެހެން ނަމަވެސް ފުލުހުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅި ފޮރެންސިކް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރިޔާޒުގެ އަތުން އަތުލީ އައިފޯން 6 އެސް މޮޑެލްގެ ފޯނެއް ކަމަށެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ރިޔާޒުގެ ގާނޫނީ ވަކީލުން ވަނީ އެ ނުކުތާ ފާހަގަކުރައްވާފަ އެވެ.

ރިޔާޒުގެ ވަކީލާ ހިސާން ހުސެއިން ވިދާޅުވީ އެ ފޮރެންސިކް ރިޕޯޓުގައި ފުށުއެރުންތަކެއް ހުރިއިރު އެ ރިޕޯޓް ޝަރީއަތަށް ބަލައިގަނެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ރިޔާޒްގެ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ އިތުރު ފުރުސަތުގެ އުސޫލުގެ ދަށުން، އިތުރު ފުރުސަތެއްދީ ދައުވާ އަނބުރާ ގެންގޮސްދިނުމަށް އެދި ބުރާސްފަތި ދުވަހު ފޯމް ހުށަހަޅަން މަސައްކަތް ކުރި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެއިރު އެކަމަށް އެދޭ ގަޑި ޖެހިފައިވާ ކަމަށާއި އެހެންކަމުން ވީ އެންމެ އަވަހަކަށް އެ ފޯމް ހުށަހަޅާނެ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

އިތުރު ފުރުސަތު ދިނުމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގޮތެއް ކަނޑައަޅަން ދެން އަޑުއެހުންތައް މެދުކަނޑާލަ ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އިތުރު ފުރުސަތަކަށް އެދުނު ނަމަވެސް ޝަރީއަތްތައް މެދުކަނޑާލުމަށް ޝަރީއަތުން ނުނިންމާނެ ކަމަށާއި، އިތުރު ފުރުސަތު ދީފި ހާލާތެއްގައި ދައުލަތުން އެކަން ކޯޓުގައި ފާހަގަކުރާނެ ކަމަށެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.