ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިސްތިއުފާއަށް ގޮވާލައި ފުވައްމުލަކުގައި އަޑުއުފުލައިފިއެވެ.
އަބްދުﷲ މަސީހު މަޖިލީހުގައި ތަމްސީލުކުރައްވާ ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މި އިހްތިޖާޖުގައި ބައިވެރިވިއެވެ.
އިހުތިޖާޖުގައި ބައިވެރިވި ރައްޔިތުން ގޮވާލާފައި ވަނީ ކައުންސިލް އިންތިޚާބުގައި މަސީހާމެދު ރައްޔިތުންތިބި ގޮތް ވަރަށް ރީއްޗަށް ހާމަވެގެންގޮސްފައިވާ ކަމަށާއި ރައްޔިތުންގެ އަގުލަބިއްޔަތުން މަސީހުއަށް އިތުބާރު ނެތްކަމަށް ނިންމާފައިވާތީ ދާއިރާގެ މަޖިލިސް ގޮނޑީގައި މަސީހު އިންނެވުމުގެ ބޭނުމެއް ނެތް ކަމަށެވެ.
މިއަދުގެ އިޖްތިހާދުގައި ބައިވެރިވި ފަރާތަކުން 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނީ ދާއިރާގެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މީހަކު ދާއިރާ ތަމްސީލުކުރުމުގެ ނަމުގައި ރައްޔިތުންގެ ގޮނޑިއެއްގައި އިނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި މިހާރުން މިހާރަށް މަސީހު އިސްތިއުފާދޭން ޖެހޭ ކަމަށެވެ.
ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ފަލާހު ޝަރީފު ކާމިޔާބު ކުރައްވާފައިވަނީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓަށް ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްދިނުމަށް އަބްދުﷲ މަސީހު އަމިއްލަ ހައިސިއްޔަތުންނާއި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވެއެވެ.
މަސީހުގެ އިތުބާރުނެތްކަމަށް އޭނާ ތަމްސީލްކުރައްވާ ދާއިރާގެ ރައްޔިތުން ބުނަމުން މިދަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރަން މަޖިލީހަށް ހުށަހެޅުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.