މިވަގުތު ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި އެކު އިދިކޮޅު ފަރާތްތަކަށް 57 މެމްބަރުން ހަމަވެގެންދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގައި ހުންނަވައިގެން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކަށް ހަމަވާނީ 42 މެމްބަރުންނެއް ނޫން ކަމަށާއި، 57 މެމްބަރުން ހަމަވެގެންދާނެ ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުން ސަރުކާރަށް ތާއީދު ކުރެއްވުން ހުއްޓާލައްވައި، އިދިކޮޅު ޕާޓީތަކާ ގުޅިގެން އިސްލާހީ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް ހެޔޮ ގޮތް ހޯދައި، ރައްޔިތުންނަށް ހަމަޖެހުން ގެނެސްދީ ފުދުންތެރިކަމާ އެކު އުޅެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.
ނަޝީދު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ބިރުދެއްކުމާއި ބޮޑެތި ފިއްތުންތަކާއިއެކު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ހާމަވެގެން ދިޔައީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި ދިވެހިން މިހާތަނަށް ދެއްކި އެންމެ ބޮޑު ހިތްވަރު ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އިންތިހާބުގައި ލިބުނު ކާމިޔާބީގެ ސިއްރަކީ އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުރި މަަސައްކަތް ކަމަށެވެ.