Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ހޮރައިޒަން ބެޑްމިންޓަންގެ ޗެމްޕިއަންކަން އޭބީސީން ހޯދައިފި

އައްޑޫގެ އޮފީސްތަކަށް އަމާޒުކޮށްގެން ހޮރައިޒަން އެކަޑަމީން ބާއްވަމުން އަންނަ ހޮރައިޒަން އެކަޑަމީ ބެޑްމިންޓަން މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން އައްޑޫ ބެޑްމިންޓަން ކްލަބް( އޭބީސީ)ން ހޯދައިފިއެވެ.

އަންހެން އިވެންޓްގެ ފައިނަލް އޭބީސީގެ ސީ ޓީމުން ހޯދީ އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި ފެނަކަ ކޯޕަރޭޝަން އާއި ވާދަކޮށް 3 ސެޓް 2 ސެޓުން މޮޅުވެގެންނެވެ.

މުބާރާތުގެ އަންހެން ފައިނަލް މެޗް ފެށުމުގެ ކުރިން ޓީމް ފެނަކައިން އެބީސީ ޓީމްގެ ފާޠިމަތު ޝައްނަ އާއި ގުޅޭ ގޮތުން ހުށަހެޅި މައްސަލަ އަނބުރާ ނެގުމާއި ގުޅިގެން ހޮރައިޒަންއިން ވަނީ ފަހުން ޝައްނައަށް ކުޅެވޭނެ ގޮތް ހަމަޖައްސާފައެވެ. ޝައްނަ އާއި ގުޅޭ ގޮތުން ހޮރައިޒަންއިން އޭބީސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޝައްނައަށް ނުކުޅެވޭނެގޮތަށް ނިންމި ނިންމުން ބަދަލު ނުކުރާނެކަމަށެވެ. ނަމަވެސް ފަހުން ވަނީ ވަރަށް އަމާން އޮމާންކޮށް މައްސަލަ ނިންމައި ފުރިހަމަކަމާއި އެކު މުބާރާތް ނިންމާލާފައެވެ.

މުބާރާތުގެ ފިރިހެން ފައިނަލްގައި އޭބީސީގެ ބީ ޓީމް ވާދަކުރީ އޭބީސީގެ ސީ ޓީމާއިއެވެ. މި މެޗް ސީދާ 4 ސެޓުން ކާމިޔާބްކޮށް ޗެމްޕިއަންކަން ހޯދީ އޭބީސީގެ ސީ ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމަށް ތައްޓާއި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ފުލުހުންގެ ސައުތު ޑިވިޝަން ކޮމާންޑަރ ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފްއެވެ.

ފިރިހެން ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު އަންހެން ޗެމްޕިއަންއަށް ހުށަހަޅާފައިވަނީ 5000 ރުފިޔާއެވެ، އަންހެން ފިރިހެން އިވެންޓްގެވެސް ރަނައަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 2500 ރުފިޔާވަނީ ދީފައެވެ.

މި މުބާރާތަކީ ހޮރައިޒަން އެކަޑަމީން ބޭއްވި 8 ވަނަ މުބާރާތެވެ. މި މުބާރާތުގެ މެއިން ސްޕޮންސާއަކީ ދިރާގެއެވެ. ކޯ ސްޕޮންސަރ އަކީ ބޭންކް އޮފް މޯލްޑިވްްސްއެވެ.