Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

"އެމްޑީޕީން އެހެން ސިޔާސީ ލީޑަރުންނަށް ޝުކުރުވެރި ވާން ޖެހޭ"

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކާމިޔާބު ލިބިފައި ވަނީ އިދިކޮޅު ސިޔާސީ ލީޑަރުންގެ އެހީތެރިކަމާއި އެކުގައި ކަމަށާއި އެކަމަށްޓަކައި އެމްޑީޕީ އިން ޝުކުރުވެރިވާން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ސްރީލަންކާގައި މިވަގުތު ހުންނެވި ރައީސް ނަޝީދު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިންތިހާބުގައި ކާމިޔާބު ލިބުނީ އިދިކޮޅު ސިޔާސީ ލީޑަރުން އެކުގައި ކުރަން ފެށި މަސައްކަތް ރައްޔިތުން ބަލައިގަނެފައިވާތީ ކަމަށެވެ.

"އެމްޑީޕީ ޝުކުރުވެރިވާންޖެހޭ އަޅުގަނޑުގެމެންގެ އެހެން ސިޔާސީ ލީޑާރުންނަށް. ހާއްސަކޮށް ރައީސް މައުމޫނާއި އޮނަރަބްލް ގާސިމް އިބްރާހިމް އަށާއި ޝެއިޚް އިމްރާން އަށާއި އަދި ކާނަލް ނާޒިމަށް ވެސް" – ރައީސް ނަޝީދު-

ނަޝީދު ވިދާޅުވި ގޮތުގައި އެކުވެރިކަމާއި އެކު އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގެ ސަބަބުން އެމްޑީޕީއަށް ވަރަށް ބޮޑު ފާއިދާތަކެއް ލިބިފައިވާ ކަމަށާއި އެކަން ބަލައިގަނެ އެމްޑީޕީން ޝުކުރުވެރިވާންޖެހޭ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ހިންގުން ވަރަށް ބޮޑަށް ރަނގަޅު ވެފައިވާ ކަމަށާއި، އެއީ އިންތިހާބުގައި ރަނގަޅު ނަތީޖާއެއް ލިބުމަށް އެހީތެރިވި ކަމެއް ކަމުގައި ނަޝީދު ވަަނީ ފާހަގަކުރައްވާފައެވެ.

އިދިކޮޅު ލީޑަރުން ގުޅިގެން ކުރެއްވި މަސައްކަތަށް ވުރެ ބޮޑު ކާމިޔާބެއް ލިބިފައިވާ ކަމަށް ސަރުކާރުން ބުނަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ، "ދޫ އަނގައިގެ ތެރޭގައި ހެލޭ ކަމަށް ވަންޏާ އެ ދުލުން ހިތަށް އައި އެއްޗެއް ބުނުމުގެ އިހްތިޔާރު މާތް ﷲ މިވަނީ ދެއްވާފައި" ކަމަށެވެ.

ނަޝީދު ވިދާޅުވީ ނަތީޖާ ޝީޓުތަކާއި ނަތީޖާތައް ހުރީ ވަރަށް ސާފުކޮށް ކަމަށާއި ރައީސް ޔާމީނަށް %24 ވެސް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި މިނިވަން ކެންޑިޑޭޓުން ކާމިޔާބު ކުރި ގޮނޑިތަކަކީ ޕީޕީއެމް އަށް ލިބިފައިވާ ގޮނޑިތަކެއް ކަމަށް ސިފަކޮށް ސަރުކާރުގެ ބައެއް ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް ނަޝީދު ވަނީ ރައްދު ދެއްވާފައެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލައްވާފައި ތިއްބެވި ގިނަ ކެެންޑިޑޭޓުންނަކީ ރައީސް މައުމޫން އަށް ތާއީދު ކުރައްވާ ބޭފުޅުން ކަމަށާއި އެހެން ރައީސް މައުމޫން ވެސް ވިދާޅުވާ ކަމަށެވެ.