Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ސަރުކާރުން ދުޢާ ކުރަން ގޮވާލައިފި، މި ވަނީ ކިހިނެއް؟

އިސްލާމީ މަރުކަޒު ކުރިމަތީގައި ދުޢާ ކުރުމަށް މީހުން އެއްވެފައި. ފޮޓޯ/ އައްޑޫލައިވް

ރާއްޖޭގައި އަނިޔާވެރިކަމާއި ނާއިންސާފް އާއްމުވެ، ގައުމުގައި ހަމަނުޖެހުން އިތުރުވެ، ކަރަޕްޝަނާއި ފަސާދައިން ދިވެހި މުޖްތަމައު ފަނާވަމުންދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދުޢާކުރަން ފެށުމުން ސަރުކާރުން ވަނީ ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވައިފަ އެވެ.

މާލެ އިސްލާމީ މަރުކަޒާއި އަތޮޅު ތެރޭގެ މިސްކިތްތަކުގައި ކޮންމެ ހުކުރު ނަމާދަށްފަހު ބާއްވަމުން ދިޔަ ދުއާކުރުން އިސްލާމިކް މިނިސްޓްރީން ހުއްޓުވައި، ދުޢާ ކުރި މީހުންނާއި، ދުއާ ކިޔައިދިން މީހުން ހައްޔަރުކޮށް ޖަލަށްލިއެވެ. އޭގެ އިތުރުން އެތައް ބަޔަކަށް ދައުވާކޮށް މިހާރުވެސް ދައުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައިވާ މައްސަލަތައް ފާހަގަކޮށްލެވެއެވެ.

ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވި ދުއާކުރުމުގައި އެތައް ބަޔަކު ބައިވެރިވި އިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެސްއޯ ފުލުހުން ދުއަ ހުއްޓުވަން ގޮސް ތިބޭ މަންޒަރުވަނީ ފެނިފައެވެ.

ނިމިގެން ދިޔަ ލޯކަލް ކައުންސިލްގެ ނަތީޖާއިން ސަރުކާރު ބަލިވުމާއި އެކު ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވީ ދުއާކުރަން ފަށަންވެއްޖެކަމަށެވެ. ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ރާއްޖޭގެ ވެރިކަމުގެ ވޮއް އަލިވާ ހިސާބަށް ވެސް އައުމަށް އެދިވަޑައިނުގަންނަވާ ކަމަށާއި އެކަމަށް އެދި ދުޢާކުރުމުގައި ދެމިތިބުމަށެވެ.

ނިހާން ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަކާއި އާއި ހަމައަށް އައީ ވެސް ﷲގެ ހަޟްރަތުގައި އިޚްލާސްތެރި ދުޢާ ކުރުމުގެ ސަބަބުން ކަމަށެވެ.

ހުކުރު ނަމާދަށް ފަހު ދުއާ ކުރަން ހުއްޓާ ހައްޔަރު ކުރި މީހަކު ފުރަގަހަށް ބިޑި އަޅުވާފައި

ނިހާން ދުއާ ކުރަން ގޮވާލިއިރު އިދިކޮޅު ފަރާތްތަކުން ކުރި ދުއާ އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން ބުނީ ނުކުރެވޭނެކަމަށާއި އެއީ ބަދު ދުއާ ކަމަށެވެ. އަދި ދުއާ ކުރަނީ ދައްކަން ކަމަށާއި އެކަން ހުއްޓުވާނެކަމަށްވެސް ފުލުހުން ދިޔައީ ބުނަމުންނެވެ.

ރާއްޖޭގައި މިހާރު ކަންތައް ދާގޮތުން ފަހަރުގައި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކަށް އެކަނި ދުއާ ކުރެވޭނެ ގޮތް ހަދައި، ކޮންމެ ނަމާދެއްގެ ފަހު ދުއާ ކުރާގޮތަށްވެސް ހަމަޖައްސަފާނެއެވެ. އެއީ އިދިކޮޅު ފަރާތްތަކަށް ސިޔާސީ ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ނެތި ހަމައެކަނި ސަރުކާރު ޕާޓީއަށް ޖަލްސާތަކާއި ވެހިކަލް ބުރު ބޭއްވޭތީއެވެ.

ކައުންސިލް އިންތިހާބްގެ ނަތީޖާއަށްފަހު ސަރުކާރު މިވަނީ ވަރަށް ބޮޑަށް ގޮތް ހުސްވެފައެވެ. އެހެންވެ ވަޒީރުންނާއި ބައެއް މަޖްލިސް މެމްބަރުން ހިތު ހުރިއެއްޗެއް ބޭރު ކުރަމުން އަންނަ އިރު ގިނަ ފަހަރަށް ބެވެނީ ރައްޔިތުންނެވެ. ސަބަބީ ވޯޓުން ސަރުކާރު ބަލިކުރީ ރައްޔިތުން ވީމައެވެ.