Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

މެންބަރު ތޯރިގުގެ ހިތްހަމަނުޖެހުން ސަރުކާރަށް

މަސްވެރިންނަށް ހުރި ދަތިތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި އެކު ފަހަރު މަތިން ހިއްސާކުރެއްވުމުން ވެސް އެކަމަށް ހައްލެއް ލިބިފައި ނުވާތީ އެކަމާއި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރ އަހްމަދު ތޯރިޤް(ޓޮމް) ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

މަސްވެރިންނަށް ހުރި ދަތިތަކަށް ހައްލު ނުލިބޭތީ އެކަމުގެ ހިތްހަމަނުޖެހުން ތޯރިގް ފާޅުކުރައްވާފައި ވަނީ އޭނާ ފޭސްބުކްގައެވެ.

ތޯރިޤް ވިދާޅުވެފައިވަނީ މަސްވެރިންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޖިލީސް މެމްބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ކަމާބެހޭ ފަރާތްތަކާއި ބައްދަލުކޮށް، އެކަން ހައްލު ކުރުމަށް މަޝްވަރާތައް ކުރައްވާފައިވާ ކަމަށް ވެސް ޓޮމް ވިދާޅުވެފައި ވެއެވެ.

ސަރުކާރާއި މެދު މެމްބަރު ތޯރިގް ހިތްހަމަނުޖެހުން ފާޅުކޮށްފައި ވާއިރު ލޯކަލް ކައުންސިލް އިންތިހާބުގައި އެދާއިރާއިން ޕީޕީއެމްއަށް ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ. މަހިބަދޫ ދާއިރާގެ ކައުންސިލަރ ކަމަށް ހޮވިވަޑައިގަތީ މިނިވަން ކެންޑިޑޭޓެކެވެ.

މިވަގުތު ޕީޕީއެމްގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ތޯރިޤް ވެސް މަޖިލީހަށް ހޮވިވަޑައިގަތީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގައި ހުންނަވައި މަސްވެރިންގެ މައްސަލަތަކުގައި ސަރުކާރަށް ވަރަށް ފާޑުވިދާޅުވި، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިން ވެސް މިހާރު ވަނީ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންފައިކަން ފާހަގަކޮށްލެވެއެވެ.