Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

އަނިޔާވެރިކަމާ ދެކޮޅަށް އަލުން ދުއާ ކުރަން ފަށައިފި

އަނިޔާވެރިކަމާ ދެކޮޅަށް ރާއްޖޭގައި އަނެއްކާވެސް ދުޢާ ކުރަން ފަށައިފި އެވެ.

އިދިކޮޅު އެމްޑީޕީ އާއި އިސްލާހަށް މަސައްކަތް ކުރާ ގިނަ ބަޔަކު މިއަދު ވަނީ އަނިޔާވެރިކަމާއި ދެކޮޅަށް އިސްލާމީ މަރުކަޒު ކައިރީ ދުޢާކޮށްފައެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް ބ. ތުޅާދޫގައިވެސް މިއަދު ހުކުރު ނަމާދަށްފަހު ވަނީ ދުޢާކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ދުއާ ކުރިއިރު ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހަސަން މަނިކުވަނީ އެމްޑީޕީއަށް ވެރިކަމަށް ނާދެވޭނެހެން ދުޢާ ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ބ. ތުޅާދޫގައި މިއަދު ހުކުރު ނަމާދަށް ފަހު އަނިޔާވެރިކަމާއި ދެކޮޅަށް ދުއާ ކުރަނީ، ފޮޓޯ: ސިންވާ

މިއަދުގެ ދުއާގައި ބައިވެރިވި މީހަކު ބުނީ ދުޢާގައި ބައިވެރިވީ ރާއްޖޭގައި އަނިޔާވެރިކަން އާއްމުވެފައިވާތީ އާއި އަނިޔާވެރި ގޮތަކަށް ޒުވާނަކު ކަތިލައި މަރާލިއިރުވެސް އެކަންކަން ނުބެލޭތީކަަމަށެވެ.

ހުކުރު ނަމާދަށްފަހު އިދިކޮޅު ފަރާތްތަކުން ކުރަމުން އައި ދުޢާ އިސްލާމިކް މިނިސްޓްރީގެ އެންގުމަށް ފުލުހުން ވަނީ ހުއްޓުވާފައެވެ. އޭރު ފުލުހުން ބުނީ ދުއާ ކުރަނީ ދައްކަން ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ. އަދި ބަދު ދުއާ ނުކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.