Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ދުނިޔޭގެ ދޫނިތަކުގެ ދުވަސް، ހިމާޔަތްކޮށްފައިވާ ދޫނި ނުހިފަމާތޯ!

މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ހިޖުރަކުރާ ދޫނި ސޫފާސޫއްޕާއި އެހެނިހެން ދޫނިތަކުގެ ދުވަހެވެ.

ގުދުރަތީ ގޮތުން ދިވެހި ރާއްޖޭގައި ލައްވާފައިވާ ކުޅިތަކާއި ފިނޮޅުތަކުގެ ސަބަބުން ވަރަށް ދުރު ސަރަހައްދުން އެކި ވައްތަރު ވައްތަރުގެ ދޫނި ރާއްޖެއަށް ހިޖުރަކޮށް ހަދައެވެ. ޚާއްސަކޮށް ފިނި މޫސުމުގައި ދޫނިތައް ހިޖުރަކުރެއެވެ.

2006 ވަނަ އަހަރު އ.ދ އިން ހިޖުރަ ކުރާ ދޫނިތަކަށް ދުވަހެއް ކަނޑައެޅީ އެފަދަ ދޫނިތައް ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ ގޮތުން ލިބެން ޖެހޭ އެއްބާރުލުން ހޯދުމަށެވެ. ހިޖުރަ ކުރާ ދޫނިތައް ނުހިފައި އެއެއްޗެހި ދިރިއުޅޭނެ ގުދުރަތީ ގެދޮރެއް ހޯދާދިނުމަށެވެ.

ހިޖުރަ ކުރާ ދޫނިތަކަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ބިން ހިއްކުމާއި ގަސްތައް ކެނޑުމެވެ. އެތައް ސަތޭކެ މޭލެއް ކަޑައްތު ކުރުމަށްފަހު ދޫނިތައް މަޑުކޮށްލާނެ ތަނެއް ހޯދުމަށް އިތުރު ދުވަސްތަކެއް ހޭދަކުރާ ކަމަށް މާހިރުން ބުނެފައިވެއެވެ.

ދޫނިތަކުގެ ގެދޮރު ގެއްލުމުގެ ސަބަބުން އެމެރިކާގެ އެޓްލާންޓިކް ކޯސްޓުން ރެޑް ނޮޓް ދޫނީގެ އާބާދީގެ %80 ވަނީ ގެއްލިފައެވެ. އެފްރިކާގެ ހިިޖުރަ ކުރާ އަސްދޫނިތައް ވަނީ ކެއުމަށް ޝިކާރަ ކުރުން އިތުރުވެފައެވެ.

ދިވެހި ރާއްޖޭގައި އެންމެ އާންމުކޮށް ދޫނިތަކަށް ދިމާވާ ގެއްލުމަކީ މަޅި ޖަހައިގެން ހިފުމެވެ. ވިއްކުމަށް ނުވަތަ އަމިއްލަ ގޭގައި ގެންގުޅުމަށްވެސް މިއީ ވަރަށް ގިނަ ބަޔަކު އަދިވެސް ކޮށްއުޅޭ ކަމެކެވެ. ހިމާޔަތް ކޮށްފައިވާ ދޫނިތައް ހިފާ މިންވަރުވެސް އަދިވެސް ކޮންޓްރޯލް ނުކުރެވެއެވެ.

ދިވެހި ރާއްޖޭގައި ގުދުރަތީ ގޮތުން ލައްވާފައިވާ ކުޅިތަކަކީ ހިމާޔަތް ކުރެވިއްޖެނަމަ ގިނަގުނަ ތަފާތު ދޫނިސޫފާސޫފި ފެންނާނެ ފަދަ ރީތި ކުޅިތަކެވެ. ތިމާވެއްޓާއި އިކޯ ސިސްޓަމް ހިމާޔަތްކުރުމަށް ދޫނި ހިފުމުން އެއްކިބާވަމާތޯއެ؟!