މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބްގައި އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބްވި ކައުންސިލަރަކު އިދިކޮޅު އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އެމްޑީޕީއަށް ސޮއިކޮށްފައިވަނީ ގދ. ވާދޫ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލައްވައި އިންތިހާބްވި އަބްދުﷲ ރަޝީދުއެވެ. އަބްދުﷲ ރަޝީދު ސޮއިކޮށްފައިވަނީ ހުކުރު ދުވަހުއެވެ.
ވާދޫ ކައުންސިލްގެ ތިން ގޮޑިއަށް ހޮވިފައިވަނީ ޖުމްހުރީ ޕާޓީން ކުރިމަތިލެއްވި އަލި ދީދީ އާއި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ވަހީދު އާއި އަމިއްލަ ގޮތުން ވާދަ ކުރެއްވި އަބްދުﷲ ރަޝީދުއެވެ. އިދިކޮޅު އެމްޑީޕީން އެ ދާއިރާއަށް ކެންޑިޑޭޓަކު ނެރެފައި ނުވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބްގައި އަމިއްލަ ގޮތުން ވާދަކުރެއްވައި 106 ގޮޑި އަމިއްލަ މެމްބަރުން ވަނީ ކާމިޔާބް ކުރައްވާފައެވެ.
އިންތިހާބަށް ފަހު ޕީޕީއެމްއިން ބުނީ އަމިއްލަ ކެންޑިޑޭޓުން ދާދި އަވަހަށް ޕީޕީއެމް އާއި ގުޅޭނެކަމަށާއި އެމްޑީޕީން އިންތިހާބްވި ކައުންސިލަރުންވެސް ސަރުކާރާއި ގުޅޭނެކަމަށެވެ.