Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ޕީޕީއެމް ކެންޑިޑޭޓުން ނުހޮވުނީ "އަންޕޮޕިއުލާ" ވެރިޔަކާ ހެދި

ކުރީގެ ރައީސް ޔާމީން އާއި ނައިބް ރައީސް ޖަމީލް، ކެމްޕެއިން ދަތުރުފުޅެއްގައި ގަމުގެ ވައިގެ ބަނދަރު ސަރަހައްދުގައި ޕީޕީއެމް މެމްބަރުން ތަކަކާއި އެކު ފޮތޯއަކަށް ހުއްޓި ވަޑައިގެން.

މިނިވަން އިންތިޚާބެއް ބާއްވައިފިނަމަ ރައީސް ޔާމީނަށް ވޯޓުލީ މީހުންގެ %5 ވެސް ނުލިބޭނެ ކަން ޔަގީންވެއްޖެ ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ.

ޖަމީލް ރޭގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމް ކެންޑިޑޭޓުންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ "އަންޕޮޕިއުލާ" ވެރިޔަކު ތަމްސީލު ކުރައްވަން ޖެހުން ކަމަށް ޖަމީލު ވިދާޅުވިއެވެ.

"މިނިވަން އިންތިޚާބެއްގައި ރައީސް ޔާމީނަށް %5 ނުލިބޭނެ. ޕީޕީއެމް ކެންޑިޑޭޓުންނަށްވެސް އަންޕޮޕިއުލާ ވެރިއެއްގެ ގޮންޖެހުން ދިމާވީ."

ކައުންސިލް އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ގިނަ ގޮނޑިތައް ކާމިޔާބުކޮށް މެޖޯރިޓީ ނަގާފައިވާއިރު ސިޓީ ކައުންސިލްތަކުން ޕީޕީއެމްއަށް ލިބިފައިވަނީ އެންމެ ގޮނޑިއެކެވެ. މާލެ ސިޓީއާއި އައްޑޫ ސިޓީއިން އެންމެ ގޮނޑިއެއްވެސް ލިބިފައިނުވާއިރު ފުވައްމުލަކުން ވަނީ އެއް ގޮނޑި ލިބިފައެވެ.

އެމްޑީޕީއިން ވަނީ މާލެ ސިޓީގެ 12 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި ފުވައްމުލަކު ސިޓީގެ ދެގޮނޑި އެމްޑީޕީއަށް ލިބިފައިވާއިރު އައްޑޫ ސިޓީގެ 7 ގޮނޑިވެސް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.