Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

"ރައީސް ހޮވީ ރައްޔިތުން، އިދިކޮޅުގައި ތިބީ ނޫނެކޭ ބުނި މީހުން"

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ. ފޮޓޯ: އަރީހް

ރައީސް ޔާމީނަކީ 2013 ވަނަ އަހަރު ރައްޔިތުން ވޯޓު ދިން ރައީސް ކަމަށާއި އިދިކޮޅު އިއްތިހާދުގައި ތިބީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރު ރައްޔިތުން ނޫނެކޭ ބުނެފަ ތިބި ލީޑަރުން ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދުރޭ ކުރެއްވި ޓުވީޓެއްގައި އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ބުނެފައިވަނީ އިދިކޮޅު ސަފުގެ ކުރީގައި ތިބީ ރައްޔިތުން "ނޫނެކޭ" ބުނެފައި ތިބި ލީޑަރުން ކަމަށެވެ.

ނަމަވެސް 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ބުރަކޮށް މަސައްކަތް ކުރެއްވި އެމަނިކުފާނުގެ ބޭބޭފުޅާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތިބީ އިދިކޮޅު އިއްތިހާދުގެ ކުރީ ސަފުގައެވެ.

އަދި ރައީސް ޔާމީނުގެ ރަނިންމޭޓުގެ ގޮތުގައި އެންމެ ބުރަކޮށް މަސައްކަތް ކުރި މިސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ވަނީ މިސަރުކާރު ގެނައުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ.