އައްޑޫ އިސްމެހެލާހެރަ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިތާހު ކުރިތާ 2 އަހަރު ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ބައިވެރިވެވަޑައިގެން ހޮޓެލް ޖެންގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގައި އިސްމެހެލާހެރަ ތަރައްގީ ކުރާ ވާހަކަ ދައްކަވައި، ރައްޔިތުންގެ ލޮލުގައި އެޅުދި އަނދުން ވެސް މިހާރު ފޮހެވޭހޭ ދުވަސް ވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ހުޅުމީދޫ ތަމްސީލް ކުރައްވަމުން ގެންދަވާ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ވެސް ޕީޕީއެމް އަށް ސޮއިކުރީ އިސްމެހެލާ ހެރަ ކާމިޔާބު ވާނެ ކަމުގެ އުއްމީދުގައެވެ. ނުވަތަ ސަރުކާރުން އެ މަޝްރޫޢު ފަށާނެ ކަމަށް ބުނެ ދެއްކި 'ހުވަފެންތަކެއް'ގެ ސަބަބުންނެވެ.
އާޚިރުގައި އައްދުއަށް ވެސް ލިބުނީ ލަނޑެވެ. ޕީޕީއެމް ޓިކެޓްގައި ވާދަކޮށް 2017 ގެ ކައުންސިލް އިންތިހާބުގައި އޭނާއަށް ވަނީ ނާކާމިޔާބުވެފައެވެ. އެހެންނަމަވެސް އައްދު އަދިވެސް ހުރީ އުއްމީދުގައެވެ.
އިސްމެހެލާހެރައިގައި 600 ކޮޓަރީގެ ރިސޯޓެއް ތަރައްގީކޮށް ނިމޭއިރު މަދުވެގެން 1،800 އެއްހާ ވަޒީފާ އައްޑޫގައި އިތުރުވެގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިސްމެހެލާހެރަ ތަރައްގީ ކުރާ ވާހަކަ ފެށުނީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމަކު ނޫނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެއީ ޕްލޭން ކުރެވިފައި އޮތް ކަމެކެވެ. ކަންތައް ދިމާކުރި ގޮތުން ދައުރު ފުރިހަމަ ނުވަނީސް ނަޝީދަށް ވެރިކަން ގެއްލުމުން އެކަން ވެސް ހުއްޓުނީ އެވެ.
ޓޫރިޒަމް މިނިސްޓަރުކަމާ މޫސާ ޒަމީރު ހަވާލުވެވަޑައިގަތްތާ ކުރީކޮޅު ހޭބޯ ނާރައިގެން ދުވާލު ދެ ދަޅަށް އިސްމެހެލާހެރައިގެ ވާހަކަ ދައްކަވައި އެރަށް ބައްލަވާލައްވަން ވެސް މިނިސްޓަރު ވަޑައިގެންނެވި އެވެ.
އެ ދަތުރުގައި މިނިސްޓަރު ވިދާޅުވީ އިސްމެހެލާހެރަ ތަރައްގީ ކުރަން ދިވެހި ކުންފުންޏަކާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކުންފުންޏާ އެކު (2015 ވަނަ އަހަރުގެ) ޑިސެމްބަރު މަހުގެ ތެރޭގައި ސޮއި ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެ ތާރީހު ފަހަނައަޅައި ދިއުމުން ޖެނުއަރީ މަހުގެ ތެރޭގައި އެގްރިމަންޓް ސޮއިކޮށް، ފެބްރުއަރީ ގައި އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
ނަމަވެސް ޖެނުއަރީ މަސް ނިމިގެން ދިޔަ އިރު ވެސް މިނިސްޓަރު އެ ވިދާޅުވި އެގްރިމަންޓްގައި ގަލަން ހިންގޭ ކަމަކަށް ނުވި އެވެ. ދެން އެކަމާ އަނެއްކާ ވެސް މީޑިއާތަކުން ސުވާލު ކުރުމުން ވިދާޅުވީ އިސްމެހެލާހެރައިގައި ސާވޭގެ މަސައްކަތްތަކެއް އެ ޕްރޮޖެކްޓް ހަވާލު ކުރާ ކުންފުނިން ކުރިއަށް ގެންދާ ކަމަށެވެ. އެހެންވެ ސާވޭ ނިންމައި، އެގްރިމަންޓްގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ޑޮކިއުމަންޓެއް ފުރިހަމަ ކުރެވުމުން އެގްރިމަންޓްގައި ސޮއި ކުރާނެ ކަމަށް ވިދާޅުވި އެވެ.
އިސްމެހެލާރ ހެރަ ޕްރޮޖެކްޓްގައި ހަގީގީ ކުލައެއް ނުޖެހި އޭގެ އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވި ފަހުން ދާދި ފަހުން އައްޑޫގައި ބޭއްވި އިންވެސްޓާސް ފޯރަމްގައިމިނިސްޓަރ ޒަމީރު ވަނީ އިސްމެހެލާ ހެރައިގެ ވާހަކަ ދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި "އިސްމެހެލާ ހެރަ އިންވެސްޓްކުރުމަށް މިކަމަށް ވަރަށް ގާބިލް އިންވެސްޓަރުންތަކެއް ކުރިމަތިލައި، ސަރުކާރަށް ދައްކަން ޖެހޭ އިކްއިޒިޝަން ކޯސްޓް ވެސް ވަނީ ދައްކާ ނިމިފަ'އެވެ.
މިނިސްޓަރ ޒަމީރުގެ އެވާހަކަތައް ގިނަ ބަޔަކު ބަލައިގަތީ ކައުންސިލް އިންތިހާބުގެ ވޯޓު ހޯދަން ޖެހި "ރޮކެޓެއް"ގެ ގޮތުގައެވެ.
އިސްމެހެލާހެރަ މަޝްރޫއަށް ބަލާ އިރު، އެއީ އައްޑު އަށް ހަމަ ވަރަށް މުހިއްމު ޕްރޮޖެކްޓެކެވެ. ހާއްސަކޮށް އެއީ ވަކިން އޮންނަ ހުޅުމީދު ކައިރީގައި އޮތް ރަށަކަށްވުމާ އެކު އެތަން ރިސޯޓެއްގެ ގޮތުގައި ތަރައްގީވެގެން ދިއުމަކީ ހުޅުމީދޫ ރައްޔިތުން އަބަދު އެދިއެދި ތިބި ކަމެކެވެ. މިހާތަނަށް ފެނުނު މަންޒަރު ތަކަށް ބަލާއިރު އިސްމެހެލާހެރައިގެ ވާހަކައަކީ ސަރުކާރުން ދެއްކި ހުސް ވާހަކައެކެވެ.