އިނގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 4-1 އިން އާސެނަލް ކާމިޔާބުކޮށްފިއެވެ.
ރޭގެ މެޗުގެ ކުރިންވެސް ކޯޗު ބޭރުކުރުމަށް އާސެނަލް ސަޕޯޓަރަކު ވަނީ ފްލައިޓެއްގައި ބެނާއެއް ހަރުކުރުމަށްފަހު ދަނޑުމަތިން އުދުއްސާލާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 42 ވަނަ މިނެޓުގައި ޖިރޫޑްއެވެ. ސްޓޯކް އިން ފުރަތަމަ ހާފުގައި އާސެނަލް ހިފެހެއްޓި ނަމަވެސް ހާފު ނިމުމުގެ ކުރިން އާސެނަލް ވަނީ ލަނޑު ޖަހައި ހިތްވަރު އާކޮށްފައެވެ.
ދެވަނަ ލަނޑު ދެވަނަ ހާފުގައި ޖަހާފައި ވަނީ މީސުޓް އޮޒިލްއެވެ. އޮޒިލްއާއި ސަންޗޭޒްގެ ރީތި ކުޅުމެއް ފެނިގެން ދިޔަ މިގޯލުގެ ސަބަބުން މުޅި ގޭމު ވަނީ ބަދަލުވެފައެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ސްޓޯކް އިން ލަނޑު ޖެހިނަމަވެސް 76 ވަނަ މިނެޓުގައި ސަންޗޭޒް ވަނީ އާސެނަލްގެ ލީޑު ފުޅާކޮށްފައެވެ. އާސެނަލްގެ ހަތަރު ވަނަ ލަނޑު 80 ވަނަ މިނެޓުގައި ޖަހާފައިވަނީ ރަމްސޭ ނެގި ހުރަހަކުން އަނެއްކާވެސް ޖިރޫޑެވެ.