ދުސްތޫރީ މައްސަލައެއްގައި ގޮތެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓުގައި މިއަދު ޝަރީއަތުގެ މަޖިލީހެއް ބާއްވަން ނިންމައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލް ހުށަހެޅުއްވި މިމައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ މިއަދު މެންދުރުފަހު 1:00 ޖަހާއިރު އެވެ.
ދައުވާ ލިބޭ ފަރާތެއް ނެތް ގޮތަށް އެޓާނީ ޖެނަރަލް އޮފީހުން ހުށަހެޅި މައްސަލައިގެ އެއްވެސް މައުލޫމާތެއްް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ނަމަވެސް އިތުބާރުހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނާއި ގުޅޭ މައްސަލައެކެވެ.
މިއަދު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި، ފަނޑިޔާރު އަބްދުﷲ އަރީފްއާއި، ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ.
ދުސްތޫރީ މައްސަލަތައް ބެލުމުގެ އިހްތިޞާސް ލިބިގެންވަނީ ސުޕްރީމް ކޯޓާއި ހައިކޯޓަށެވެ.
އޭޖީ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ފުލް ބެންޗުންނެވެ.