ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަށް ބޭނުންވާ ހެދިކާ މީދޫ އަންހެންވެރިން އަތުން ގަންނަމުންދާ ކަމަށް މިކަމުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރަމުން އަންނަ އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީ (އޭއެމްސީއެސް) އިން ބުނެފި އެވެ.
އޭއެމްސީއެސްގެ މުހައްމަދު ރަޝީދު "އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ވިދާޅުވީ އެ ކޯޕަރޭޓްސް މެދުވެރިކޮށް ކޮންމެ ދުވަހަކު 1،000ރ. ގެ ހެދިކާ ޝަންގްރިއްލާ އަށް ފޮނުވަމުން އަންނަ ކަމަށެވެ.
"ޝަންގްރިއްލާއިން އެދުނީ ކޯޕަރޭޓްސް މެދުވެރިކޮށް އެމީހުން ބޭނުންވާ ހެދިކާ މީދޫން ހޯދުމަށް. ދެން އެކަމަށް ޝައުގުވެރިވާ ފަރާތަތް ބަލައި އަދި ރަށުގައި އެކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ފަރާތްތަކަށް އެފުރުސަތު ދިނީ. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް އެ މަސައްކަތް އެބަުރޭ އަންހެންވެރިން،" ރަޝީދު ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ ޝަންގްރިއްލާ އިން މީދޫން ގަންނަ ހެދިކާ އާ މެދު ހިތްހަމަޖެ ހޭކަމަށް ބުނެފައިވާ ކަމަށެވެ. އަދި މުސްތަގްބަލްގައި އެ އަދަދު އިތުރު ކުރާނެ ކަމަށް ބެލެވޭ ކަމަށް ރަޝީދު ވިދާޅުވި އެވެ.
ޝަންގްރިއްލާ އިން މީދޫ ކޯޕަރޭޓްސް މެދުވެރިކޮށް ފަންގި ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.
ދާދި ފަހުން ސިޓީ ކައުންސިލުން ވަނީ އައްޑޫގައި ތިބި ހާއްސަ އެހީ އަށް ބޭނުންވާ ކުދިން މެދުވެރިކޮށް ޝަންގްރިއް އަށް ދިރޭ އިހި ސަޕްލައި ކުރެވޭނެ މަގުވެސް ފަހިކޮށްދީފަ އެވެ. އަދި އެކަމާ ގުޅޭ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.