Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ބޮންޑާ ދެން ޓީސީން ނުފެނިދާނެ: ނިޒާމްބެ

ޓީސީ ސްޕޯޓްސް ކްލަބަަށް ކުޅޭ އައްޑޫފެ މަޝްހޫރު ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) މިހާރު ޓީމުން ނުފެންނަނީ އޭނާ އަމިއްލަ ސަބަބަކާ ހުރެ އުފަން ރަށުގައި ހުރުމުން ކަމަށާއި ފަހަރުގައި އޭނާ ދެން ނުފެނިދާނެ ކަމަށް އެ ޓީމްގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

އޭނާ ބުނީ ބޮންޑާ އަނެއްކާ ވެސް އުފަން ރަށް ހިތަދު އަށް ބަދަލުވީ ފުޓްބޯޅަ ކެރިއާ ނިންމާލަން ބޭނުންވާތީ ކަމަށް ވެސް ވެދާނެ ކަމަށެވެ.

ބޮންޑާ ޓީސީއާ ގުޅުނީ ވެސް ފުޓްބޯޅަ ކުޅުން ހުއްޓާލައި ރަށުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެވެ. އެކަމަކު އެ ދުވަސްވަރު ވެސް އައްޑޫގައި ބޭއްވި މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި އޭނާ ކުޅުނެވެ.

"ބޮންޑާ ތަންކޮޅެއް ބޮޑަށް މިހާރު އަމިއްލަ ދިރިއުޅުމަށް ވިސްނަމުންދާތީ އެބަހުރި އުނދަގޫތަކެއް އައިސް މިކޮޅުގައި [މާލޭގައި] އުޅެން." ނިޒާމްބެ ބުންޏެވެ. "ހިތަދޫގައި އަމިއްލަ ފިޔަފާރި ފަށާ ދިރިއުޅުމުގެ ސީރިއަސް ކަންތައްތަކެއް ހުރީމާ އެހުރިހާ ކަމަކާ އެކު މިކޮޅުގައި އައިސް ފުޓްބޯޅަ ކޮންޓިނިއު ކުރަން ފަސޭހަނުވަނީ ކަމަށް ވެދާނެ. ދެން ނުފެނުނުމުގެ ފުރުސަތު ވެސް އެބައޮތް."

އޭނާ އަދި ބުނީ މިދިޔަ އަހަރުން ފެށިގެން ބޮންޑާގެ ކަކުލުގައި އަނިޔާގެ މައްސަލައެއް ވެސް އުޅޭ ކަމަށެވެ.