Last Updated: July 27, 11:42
Monday, July 27, 2026
ޚަބަރު

އަންހެން މުވައްޒަފުންގެ ފޫކޮޅު ފެނިގެން ނުވާނެ: ފެނަކަ

ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންތަކެއް.

ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ވަޒީފާއަށް ނުކުންނަ އިރު ފޫކޮޅު ނިވާވާވަރުގެ ހެދުމެއް ލާން ޖެހޭ ގޮތަށް އެކުންފުނީގެ ހެދުން އެޅުމާއި ބެހޭ ގަވާއިދަށް އިސްލާހެއް ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިގެ މުވައްޒަފުން ހެދުން އެޅުމާއި ބެހޭ ގަވާއިދަށް ގެނައި އިސްލާހު އެކުންފުނީގެ ބޯޑުން ވަނީ މިހާރު ފާސްކޮށްފައެވެ.

އެ އިސްލާހްގައި ބުނެފައި ވަނީ ވަޒީފާއަށް ނުކުންނަ އިރު އަންހެން މުވައްޒިފުން ބެގީކޮށްފައި ހުރެގެން ނުވާނެ ކަމަށެވެ.

"އަންހެން މުވައްޒަފުން އޮފީހުގެ ރަސްމީގަޑީގައި ބޭނުންކުރަން ވާނީ ފޫކޮޅު ނިވާވާވަރުގެ ހެދުމެކެވެ." ފެނަކައިގެ ގަވައިދުގައި ބުނެފައިވެ އެވެ.

އަލަށް ހެދި ގަވާއިދު ބުނާ ގޮތުން ޖީންސް ފޮތީގެ ހަރުވާޅާއި ބެލްސް އަދި ފަޓްލޫން ވެސް ރަސްމީ ގަޑީގައި ލުމަކީ މަނާކަމެކެވެ.