Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

"މީ ވީގޮތޭ، އަދު ބަދަލުވެއްޖެޔޭ މުޅި ޒަމާން"

ރާއްޖޭގެ ސިޔާސީ މަސްރަހް މިވަނީ ބަދަލުވާން ފަށާފައެވެ. ދުވަސްތަކެއް ވަންދެން ބިރު ވެރިކަމެއްގެ ތެރޭގައި ތިބި ރައްޔިތުން ނިކުމެ އެމީހުން ބޭނުންވާ މަންޒަރު ކުރަހަން ފަށައިފިއެވެ، އަދިކުރެހުމުގައި އަމިއްލަ ދެއަތުން ކުލަ ޖައްސަމުންދާ މަންޒަރު މިދަނީ ފެންނަމުންނެވެ.

އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެ، ވަޒީފާގެ ބިރަށް ވެރިން އަންގާ އެންގުންތަކަށް ކިޔަމަންވެގެން ތިބި ރައްޔިތުން މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބްގައި ނިކުމެ މިވަނީ އަނިޔާ އާއި ބޭއިންސާފު އަދި ބިރުދެއްކުމަށް ނޫނެކޭ ބުނެފައެވެ.

އެއާއި އެކު މުޅި ރާއްޖޭ އަނެއްކާވެސް "ރަންރީނދޫ" ވާން ފަށައިފިއެވެ. މި މަންޒަރު އެންމެ ފުރިހަމައަށް ސިފަކޮށްދެއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. ނަޝީދު މިއަދު މިންޒަރު ސިފަކޮށްދެއްވީ "ފިޔާތޮށި ކުލަލާފައިވާ ފާރެއް އަލުން ރީނދޫ ކުލައަށް ބަދަލު ކުރާ މަންޒަރު ދައްކައިދޭ ފޮޓޯ އާއިއެކުއެވެ. އެފޮޓޯ ނަޝީދު ހިއްސާ ކުރެއްވީ "މީވީގޮތޭ، އަދު ބަދަލްވެއްޖެޔޭ މުޅި ޒަމާން" ލަވައާއިއެކުއެވެ.

ލޯކަލް ކައުންސިލް އިންތިހާބްގެ ލަނދުވެތި ނާކާމިޔާބާއި ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމްގެ މަޖްލިސް މެމްބަރުންނާއި، ވަޒީރުން ފެންނަނީ ގޮތްހުސްވެފައިވާ ތަނެވެ. ޕީޕީއެމް މަޖްލިސް މެމްބަރުން ބުނާ ގޮތުން މޮޅުވީ ސަރުކާރެވެ. އަދި އިދިކޮޅު ކެންޑިޑޭޓުން ވެސް ސަރުކާރާއި ގުޅޭތަން ފެންނާނެއެވެ.

ނަމަވެސް ކަންވަނީ އެގޮތަކަށް ނޫނެވެ. ޕީޕީއެމްގެ ދާއިރާތަކުގައި އިސްކޮށް ތިއްބެވި މެމްބަރުން ޕީޕީއެމް ދޫކޮށް އިދިކޮޅު ޕާޓީ ތަކާއި ގުޅެނީއެވެ. އޭގެ ތެރޭގައި ހަރުގެ ލީޑަރުންވެސް ސަރުކާރު ދޫކޮށް އިދިކޮޅާއި ގުޅެނީއެވެ. އަމިއްލަ ގޮތުން އިންތިހާބްވި ކައުންސިލަރުންގެ ތެރެއިންވެސް އިދިކޮޅު ފަރާތްތަކާއި ގުޅެނީއެވެ. ބައެއް ރަށްރަށުގައި ކުރިން ފާރުތަކުގައި ރީނދޫ ކުލަ ލާފައި ވަނިކޮށް އެފާރުތަކުގައި ސަރުކާރަށް ތާއިދުކުރި ފަރާތްތަކުން ފިޔާތޮށި ކުލަ ލާފައިވަނިކޮށް އަނެއްކާވެސް ފިޔާތޮށި ކުލަމަތީ ރަން ރީނދޫ ކުލަ ލާން ފަށައިފިއެވެ.

ރައްޔިތުންނަށް ހިތްވަރުލިބިގެން ހިނގައްޖެ ކަން ދައްކަން ފަށައިފިއެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މި ސަރުކާރު މިވަނީ ނޭވާ ހޮޅިއަށް އެޅިފައެވެ. ސަރުކާރު ތަމްސީލު ކުރައްވާ ގިނަ މެމްބަރުން ވެސް ލަސްތަކެއް ނެތި އިދިކޮޅު ފަރާތްތަކާއި ގުޅޭނެއެވެ. ސަބަބަކީ އެބޭފުޅުން އިންތިހާބްވި ދާއިރާތަކުގެ ކައުންސިލް ނުލިބި ރައްޔިތުން ބޮޑު ތަފާތަކުން ނޫނެކޭ ބުނެފައި ވުމެއެވެ.

2018 ގެ އިންތިހާބް ކުރިމަތިވަމުން އަންނަ އިރު ނަޝީދު ވިދާޅުވަނީ "މީވީގޮތޭ، އަދު ބަދަލުވެއްޖޭ މުޅި ޒަމާން"