މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މަރަދޫފޭދޫ ޓީމު ކޮޅަށް ހިތަދޫ ޓީމުން 9 ލަނޑު ޖަހައިފިއެވެ.
މިއީ މި މުބާރާތުގައި މިހާތަނަށް ފެނިގެން ދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
ހިތަދޫ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗް ފަށައިގެން ގިނަ އިރުތަކެއް ނުވެ އެޓީމުން ވަނީ މަރަދޫފޭދޫ ޓީމުގެ ގޯލް ފޫއަޅުވާލާފައެވެ. މެޗުގެ 8 ވަނަ މިނެޓުގައި ހިތަދޫ ޓީމްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މިރާހް މުހައްމަދެވެ.
އޭގެ އިރުކޮޅެއް ފަހުން ހިތަދޫ ޓީމުގެ ހިންޝާލް ވަނީ 7 މިނިޓްގެ ތެރޭގައި 2 ގޯލް ކާމިިޔާބުކޮށް އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ހިތަދޫ ޓީމުގެ މިރާހު މުހައްމަދު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 0-4 އަށް ބަދަލު ކޮށްލާފައެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ވެސް ހިތަދޫ ޓީމުން ވަނީ ރަނގަޅަށް ކުޅެ މަރަދޫފޭދޫގެ ގޯލަށް ނުރައްކާކޮށްފައެވެ.ހިތަދޫ ޓީމުގެ 5 ވަނަ ގޯލު ކާމިޔާބުކުރީ މެޗްގެ 71 ވަނަ މިނެޓުގައެވެ. މި ގޯލަކީ މަރަދޫފޭދޫގެ ޑިފެންޑަރު މުހައްމަދު ޝިފާޒް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

5 ވަނަ ލަނޑަށް ފަހު މަރަދޫފޭދޫ ޓީމް ހަމައަކަށް ނޭޅުމުގެ ފާއިދާ ނަގައި ހިތަދޫ ޓީމްގެ މިރާހް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން 75 ވަނަ މިނެޓުގައި ހިތަދޫ ޓީމްގެ 7 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އައްޑޫގައި މިފަހުން ބޭއްވި ފުޓްސަލް މުބާރާތްތަކުގައި މޮޅުކުޅުމެއް ދައްކާފައިވާ ހަސަން މިފްރާހް(ސީއާރް7) އެވެ.
މިއީ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު މިފްރާހް ޖެހި ފުރަތަމަ ލަނޑެވެ. އެ ލަނޑަށް ފަހު އޭނާ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
މި މެޗްގައި ހިތަދޫ ޓީމަށް 8 ވަނަ އަދި 9 ވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުހައްމަދު ސިޔާނެވެ.
މި މެޗަށް ނުކުތްއިރުވެސް ފައިނަލުގެ ޖާގަ ކަށަވަރުވެފައި އޮތް ހިތަދޫ ޓީމުން މިއަދު ނުކުތީ ފުރަތަމަ 11 ގެ ގިނަ ކުޅުންތެރިންތަކެއް ނުލައެވެ.
ލީގު އުސޫލުން ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ އެންމެ ގިނަ ޕޮއިންޓް ހޯދީ ފޭދޫ ޓީމާއި ހިތަދޫ ޓީމެވެ. އެ ދެޓީމުން ވެސް 10 ޕޮއިންޓް ހޯދާފައިވާއިރު ހިތަދޫ އަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ.
މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެ މެޗްގައި ބައްދަލުކުރާނީ، ހިތަދޫ އާއި ފޭދޫއެވެ.