Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އޭޖީން ހުށަހެޅީ އަސާސްތަކާ ހިލާފު މައްސަލައެއް: ޖަމީލް

ސަބަބަކާ ނުލާ ވަޒީރުން ވަކި ކުރުމަށް އިތުބާރު ނެތް ކަމަށް ނުުނެގޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެޓާނީ ޖެނެރަލްސް އޮފީހުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށާއި އެއީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ޗެކް އެންޑް ބެލެންސްގެ އަސާސްތަކާއި ޚިލާފު މައްސަލައެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ބަންޑާރަ ނައިބުގެ މަގާމުވެސް ފުރުއްވާފައިވާ ޖަމީލް ވަނީ ރައްޔިތުން އިންތިޚާބުކުރި ނައިބު ރައީސް ސަބަބަކާ ނުލާ އެއްލާލި އިރު އެޓާނީ ޖެނެރަލަށް މައްސަލައަކަށް ވެފައިނުވިކަން ފާހަގަކޮށް މިއަދު ކުއްލިއަކަށް ވަޒީރުން ވަކިނުކުރެވޭނެ ކަމަށް އަސާސްތަކާއި ޚިލާފަށް ކުރައްވާ މަސައްކަތް ހުއްޓާލުމަށް ގޮވާލައިފައެވެ.

ގާނޫނީ ގޮތުން ޕީއެޗްޑީ ހާސިލް ކޮށްފައިވާ ޑރ. ޖަމީލް އިތުރަށް ވިދާޅުވެފައި ވަނީ ކޯޓުތައް މެދުވެރިކޮށް ސިޔާސީ ހަޑި ހުތުރު ކަންތައް ކުރުން ހުއްޓާލުމަށެވެ.

އެޓާނީ ޖެނެރަލްސް އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ވަޒީރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހުގައި ނެގުމަކީ ބަރުލަމާނީ ސިފައެއް ކަމަށާއި އެކަށިގެންވާ ސަބަބެއް ނެތި ނެގުމަކީ ދައުލަތަށް ލިބޭ ގެއްލުމެއް ކަމަށެވެ.

ނަމަވެސް މިއީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތެއް ކަމަށް ގާނޫނީ ބޭފުޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ދައުލަތުގެ ވަޒީރުންނަކީ ރައްޔިތުންގެ މަންދޫބުންނަށް ޖަވާބުދާރީ ވާން ޖެހޭ ބައެކެވެ.