އައްޑޫގައި މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ތިނި ގައިދީންނަށް ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު އެއް ގަޑި އިރަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި ދީނީ ތަގުރީރުކޮށް ދެއްވާފައި ވަނީ ނޫރުލް އިސްލާމްގެ ރައީސް އައްޝެއިހް މުޙައްމަދު އަނިލް އެވެ.
ޝެއިހް އަނިލް ދެއްކި ވާހަކަފުޅުގައި އަޤީދާ ވަރުގަދަކުރުމަށާއި، ކުށަށް އަރައި ގަނެވޭ މީހުން ތައުބާ ވުމަށް ގޮވާލައިފައި ވެ އެވެ. މީގެ އިތުރުން ޒުވާން ދައުރުގައި ބޭކާރު ގޮތުގައި އުމުރު ހޭދަ ނުކުރުމަށާއި، ވަގުތު ފާއިތުވުމުގެ ކުރިން ތައުބާ ވުމަށް ގޮވާލައްވައިފައި ވެ އެވެ.
ފުލުހުންގެ ބަންދުގައި ތިބޭ މީހުން އަނބުރާ މުޖުތަމަޢަށް ނުކުންނަ އިރު އެ މީހުންގެ އަޤީދާ އިތުރަށް ވަރުގަދަކޮށް އިސްލާމް ދީނުގެ ނޫރު ހިތްތަކުގައި އަށަގެންނެވުމުގެ މަޤުސަދުގައި ކުރިޔަށް ގެންދެވުނު މި ޕްރޮގްރާމްގައި ޑިވިޝަން ކޮމާންޑަރު ބައިވެރިވެ ދެއްކެވި ވާހަކަ ފުޅުގައި ބަންދުގައި ތިބޭ އިރުވެސް ޤައިދީން ދީނީ ކަންތައްތައްކަށް އިސްކަން ދިނުމަށް ގޮވާލައިފައި ވެ އެވެ.
އައްޑޫ ޕޮލިސް ކަސްޓޯޑިއަލް (ކުރީގެ ހިތަދޫ ޕޮލިސް ސްޓޭޝަން) ގެ އިމާރާތުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 39 ޤައިދީންނާއި، ކަސްޓޯޑިއަލް ގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ހިތަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ބައިވެރިވެފައި ވެ އެވެ.