ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޚޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަބުރު ރައްކާތެރިކުރުމުގެ ޤާނޫނު ވުޖޫދަށް އައުމާއި އެކު އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ، ސަރުކާރުން މަސައްކަތް ކުރަނީ، ރައްޔިތުންނަށް ބިރު ދައްކައިގެން އެމީހުންގެ އަޑު ކަނޑުވާލުމަށް ކަމަށެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުންނާއި ސިޔާސީ ފަރާތްތަކުން ވަނީ އެ ގާނޫނުގެ ދިފާޢުގައި ވާހަކަ ދައްކަވާފައެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މެދު ދެކޭ ގޮތް ތަފާތެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވެސް ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާޢުގައި ވާހަކަ ދައްކަވާފައެވެ.
މިއީ 2011 ވަނަ އަހަރުގެ ތެރޭގައި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ފަރާތުން ނެރެފައިވާ ނޫސްބަޔާނެކެވެ. އެ ނޫސްބަޔާން ޕީއޭ އިން ނެރުނު އިރު އެޕާޓީގެ ލީޑަރަކީ މިހާރު ރައީސް އަބްދުﷲ ޔާމީނެވެ. ޕީއޭގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ނޫސްބަޔާނަށް 'އައްޑޫލައިވް' އިން އެއްވެސް އުނިއިތުރެއް ގެނެސްފައެއް ނުވާނެއެވެ.
ސަރުކާރުން ބޭނުންވަނީ ރައްޔިތުނަށް ބިރުދައްކައިގެން ރައްޔިތުންގެ އަޑު އޮއްބައިލާން – ޕީއޭ
ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެތީގެ އަގު އުފުލި ރައްޔިތުން ބިކަ ޙާލުޖެހި ތަޙައްމުލް ނުކުރެވޭ ދަރަޖައަށް ދިރިއުޅުމުގެ ޙާލްތު ދިޔުމާއި ގުޅިގެން 30 އޭޕްރީލް 2011 ވަނަ ދުވަހުގެރޭ ދިވެހި ޒުވާނުން އިސްނަގައިގެން ސުލުޙަވެރިކަމާއެކު ޝުޢޫރުފާޅުކުރުމަށް ޗާންދަނީ މައިދާނުގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި އެއްވެސް ހަތިޔާރެއްނެތް، ސުލްޙަވެރިކަމާއެކު ޝުޢޫރު ފާޅުކުރަމުން ދިޔަ ރައްޔިތުންނާމެދު ދިވެހި ފުލުހުން ހިންގާފައިވާ ލާއިންސާނީ ޢުދުވާން މިޕާޓިގެ ފަރާތުން ވަރަށް ހަރުކަށި ޢިބާރާތުން ކުއްވެރިކުރަމެވެ.
ރޭގެ ފަތިސްނަމާދު ވަގުތާއި ދާދި ކައިރިވެފައި ވަނިކޮށް ސަރުކާރުން މިހިންގި ޖަރީމާ ރަމްޒު ކޮށްދެނީ މިހާރު ސަރުކާރު ހިންގަން ތިބި އިސްފަރާތްތަކަކީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުންގެ އިޙްސާސްތައް ދެނެގަތުމަށް ބޭނުންނުވާ އަދި ކެތްތެރިކަމާއެކު ރައްޔިތުންގެ އަޑުއެހުމުގެ ޤާބިލުކަންވެސް ލިބިފައިވާ ބައެއް ނޫން ކަމެވެ. އަދި މިސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބާރުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ބިރުދައްކައި ލިބިފައިވާ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެންވެސް ރައްޔިތުންގެ އަޑު އޮއްބައިލައި ރައްޔިތުންގެ ވެރިކަމުގެ ނަމުގައި ޚުދުމުޚުތާރު ވެރިކަމެއްކުރުމެވެ.
ދިވެހި ޒުވާނުންނަށާއި ޢާއްމުކޮށް ސުލްޙަވެރިކަމާއެކު ރޭގައި އަޑުއުލުފުލަމުންދިޔަ މުޒާހަރާގެ ބައިވެރިންނަށް ލިބިގެންދިޔަ އަނިޔާގެ ފުރިހަމަ ޒިއްމާ ހޯމްމިނިސްޓަރާއި ފުލުހުންގެ އިސްވެރިން އުފުއްލަވަން ޖެހޭނެ ކަމަށް މިޕާޓީން ޤަބޫލުކުރަމެވެ. ސަލާމަތީ ބާރުތަކަކީ ވަކިސިޔާސީ ވިސްނުމެއްގެ މަސްލަޙަތު ޙިމާޔަތްކޮށް ދިވެހި ރައްޔިތުންނަށް ލިބިދިނުން ލާޒިމްކުރާ އަސާސީ ޙައްޤުތައް ނިގުޅައި ގަތުމަށް ސިޔާސީ ބަޔަކު ބޭނުންކުރާ ވަސީލަތަކަށް ހެދިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކަށް މިޕާޓީން ގޮވައިލަމެވެ. އަދި ހިޔުމަން ރައިޓްސް ކޮމިޝަނަށާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މިއަނިޔާވެރި ލާއިންސާނީ ޖަރީމާ މިނިވަންކަމާއެކު ތަޙްޤޫޤްކޮށް ނިކަމެތި ދިވެހިރައްޔިތުންނަށް އިންސާފު ހޯއްދަވައި ދެއްވުމަށް ގޮވައިލަމެވެ.
ދިވެހިރައްޔިތުންނަށް ދިމާވެފައި މިވާ ގިލަންވެރިކަމުން ސަލާމަތް ކޮށްދިނުމަށް ހަޤީޤަތާ ޚިލާފު ފޮނި ވާހަތަކެއް ދައްކައި ރައްޔިތުންނަށް އޮޅުވައިލުމުގެ ބަދަލުގައި އިޚްލާސްތެރިކަމާއެކު ސިޔާސީ ވިސްނުމުން އެއްކިބާވެ ތިބެ އިޤްތިސާދީ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް މިއަދުގެ ސަރުކާރަށް މިޕާޓީން ގޮވައިލަމެވެ.