Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

އެކަށީގެންވާ ހެކި ނެތިގެން ގާސިމަށް ދައުވާ ނުކުރަން ނިންމައިފި

ޖުމްހުރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

ގާސިމްގެ މައްޗަށް ދައުވާކޮށްދިނުމަށް މި މަހުގެ 9 ވަނަ ދުވަހު ޕީޖީ އަށް ފުލުހުން ހުށަހެޅި ނަމަވެސް އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލާފައިވަނީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ.

ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ މި މައްސަލާއި މެދު ޕީޖީން ނިންމާ ގޮތެއް ބެލުމަށް އެދުމުން މައްސަލަ ކުރިއަށް ނުގެންދާކަމަށް ޕީޖީން މައުލޫމާތު ދީފައިވާ ކަމަށެވެ.

ގާސިމް ހައްޔަރުކޮށްފަ އިވަނީ މިދިޔަ އެޕްރީލްމަހުގެ 20 ވަނަ ދުވަހުގެ ރޭ ގާސިމް ދިރިއުޅުއްވަމުން ގެންދެވި މާފަންނުވިލާއިންނެވެ. ގާސިމް ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ ތިން ދައުވާއެއް ތުހުމަތުކޮށެވެ.

އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެމައްސަލާގައި ގާސިމް ފުލުހުންގެ ބަންދުގައި 19 ދުވަހު ބަހައްޓާފައިވެ އެވެ.

ގާސިމް ދޫކޮށްލާފައިވަނީ ކްރިމިނަލް ކޯޓުން ހަތް ޝަރުޠަކާ އެކު އެވެ.