Last Updated: June 11, 20:32
Thursday, June 11, 2026
ސިޔާސީ

ފެބްރުއަރީ 8 ގެ "ބޮޑު ހުޅު" ޝަރީއަތަށް މިލިއަނުން ރުފިޔާ!

ފެބްރުއަރީ 8 ގައި އަންދާލި ހިތަދޫގައި ހުންނަ ޕޮލިސް ޓްރޭނިން ސްކޫލް. ފޮޓޯ/ އައްޑޫ ލައިވް

ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަހު އައްޑު އާއި ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި ޓެރަރަރިޒަމްގެ ދައުވާ އުފުލައިފައިވާ މީހުންގެ ޝަރީއަތް ބަޖެޓްފެ ދަތިކަން ކުރިމަތިވެގެން ކުރިއަށް ނުގެންދެވި ވަނިކޮށް އެކަމަށް ހާއްސަކޮށްގެން 1.12 މިލިއަން ރުފިޔާގެ ބެޖެޓެއް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ މީޑިއާ އެތަނުން އެދިފައިވާ ގޮތުގެ މަތިން ހުޅު ޖެހި މައްސަލަތަކުގެ ޝަރީއަތް ކުރުމަށް ބޭނުންވާ 1.12 މިލިއަން ރުފިޔާ ޑިޕާޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބަޖެޓް ލިބުމާ އެކު ޝަރީއަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އައްޑޫ ސިޓީގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 63 މީހުންގެ ތެރެއިން ތިން މީހުން ފިޔަވައި އެހެން އެންމެންގެ ޝަރީއަތް ހެކިބަސް ނެގުމާ ހަމައަށް ގޮސްފައިވާ އިރު ހެކިބަސް ނެގެން އޮތީ އައްޑޫ ސިޓީ އަށް ކޯޓުން ގޮސްގެން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
އަދި ގދ. ތިނަދޫގައި ހުޅުޖެހި މައްސަލާގައި ތުހުމަތު ކުރެވޭ 89 މީހުންގެ ޝަރީއަތް ފެށެން އޮތީ ވެސް އެ ރަށަށް ގޮސްގެން ކަމަށް ވެސް ކޯޓުން ބުންޏެވެ.