ރައީސް ނަޝީދުގެ ވެރިކަން ނިމުނު ދުވަހު މުލީއާގެއިން ފެނުނު ރާފުޅިތަކުގެ ހަގީގަތް ބަލައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްސަލަ ބެލިފައިނުވަނީ ކީއްވެތޯ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދަވައިފި އެވެ.
ރޭ ސަރުކާރު ކޯލިޝަނުން ބޭއްވި ޖަލްސާގައި ކައުންސިލް އިންތިޚާބަށްފަހަށް ފުރަތަމަ ފަހަރަށް ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން އިދިކޮޅު ފަރާތްތަކުން 'ގަނޑުކޮށް' ރާއްޖެއިން ބޭރަށް އަރުވާލެވިގެން ތިއްބެވި ތިއްބެވުން ފާހަގަކޮށް ރާއްޖެ އައުމަށް ވަނީ ގޮވާލައްވާފައެވެ.
"ވެރިކަމަށް ދަހިވެތިވާ ބޭފުޅުން ރާއްޖެ އަންނަންވީ. ބޭރުގައި ފިއްލަވައިގެން ތިއްބަވާނެ ކަމެއް ނެތް"
ރައީސް ނަޝީދު ދިރިއުޅުއްވި ގެއިން ރާފުޅި ފެނުނު މައްސަލަ ބަލާފައިނުވުމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ގެއަކުން ހަތިޔާރު ފެނުމުން ގޭގެ ވެރިމީހާއަށް އެ ހަތިޔާރަށް ޖަވާބުދާރީ ނުވެވުމުން އެމީހާއަށް ވެސް ގާނޫނީ ހުކުމް އައިސް ޖަލުގެ ގޮޅިތަކަށް އެބަދޭ ކަމަށެވެ.
ރާއްޖެއިން ބޭރުގައި ތިއްބެވި ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް ރައީސް ޔާމީން ވިދާޅުވެފައިވަނީ އެންމެންގެ މައްޗަށް ގާނޫނީ ހުކޫމަތު ހިނގާނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ދުރުގައި ތިބެގެން ފާޑުވިދާޅުވާނެ ކަމެއް ނެތް ކަމަށާއި އިދިކޮޅުގައި މިހާރު ތިބީ އެއްބަޔަކު އަނެއް ބަޔަކާއި ދިމާލަށް އެއްޗެހި ކީ މީހުން ކަން ރައީސް ޔާމީން ވަނީ ފާހަގަކޮށްފައެވެ.