އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި މިހާރު ވާދަ ކުރަމުން އަންނަ ދިވެހި ދުވުންތެރިޔާ ހަސަން ސާއިދު މިއަދު ބޭއްވި 100 މީޓަރު ހީޓުން އެއްވަނަ ނަގައި ސެމީގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
އަޒަރުބައިޖާނުގައި ބާއްވާ މިމުބާރާތުގައި މިއަދު ބޭއްވި ހީޓުގެ އެއްވަނަ ސާއިދު ހޯދާފައިވަނީ 10.40 ސިކުންތުން ރޭސް ނިންމާލައިގެންނެވެ.
މި ރޭހުގައި ސާއިދާއި އެންމެ ކައިރިކޮށްފައިވަނީ ތުރުކުމުނިސްތާނުގެ ދުވުންތެރިޔާ ރަމިލްއެވެ. ހީޓު ސާއިދު ކާމިޔާބުކޮށްފައިވަނީ ޕާކިސްތާން، ޔޫއޭއީ އަދި ބަހުރެއިނުގެ ދުވުންތެރިންނާއި ވާދަކޮށފައެވެ.
ނަމަވެސް ހުރިހާ ހީޓެއްގެ ރޭންކިންގްގެ އެއްވަނައަށް ގޮސްފައިވަނީ ބަހުރެއިންގެ ދުވުންތެރިޔެކެވެ. ސާއިދު ދިޔައީ މިލިސްޓުގެ ފަސް ވަނައަށެވެ.
ސަތޭކަ މީޓަރުގެ ސެމީގައި ސާއިދު ދުވާނީ މިރޭ އިރުއޮއްސި ރާއްޖެ ގަޑިން 18:45 ގައެވެ.