Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ގަދަބާރުން ތަރައްގީއެއް ނުގެނެވޭނެ: ނަޝީދު

ރައީސް އަބްދުﷲ ޔާމީން ރޭ ސަރުކާރު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެޖޯރިޓީ ނުލިބުނަސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޔާމީނަށް ރައްދު ދެއްވައިފި އެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ތަރައްގީއަކީ ގަދަ ބާރުން ގެނެވޭނެ އެއްޗެއް ނޫންކަމަށާއި، އެއީ ލާމަރުކަޒީ އަދި ޑިމޮކްރަޓިކް އުސޫލުން ގެނެވޭ އެއްޗެއް ކަމަށެވެ.

"ގަދަ ބާރުން، މަޖުބޫރުން ތަރައްގީ ނުގެނެވޭނެ. ތަރައްގީ ކުރެވޭނީ ޑިމޮކްރެޓިކް އުސޫލުތަކުން ހާސިލްވެވޭ އެއްޗެއް،"

ލޯކަލް ކައުންސިލް އިންތިޚާބުން ވެވަޑައިގަތް ނާކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް ރައީސް ޔާމީން ވާހަކަ ދައްކަވަމުން އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

މީގެ ކުރިން ވެސް އިދިކޮޅު އެމްޑީޕީއިން ކައުންސިލްތަކުގެ މެޖޯރިޓީ ނެގިނަމަވެސް ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތް ކަމަށާއި ސަރުކާރުން ކުރަން އުޅުނު މަޝްރޫއުތަކަށް ދަތިކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

އދަި މެޖޯރިޓީ ނުލިބުނަސް ތަރައްގީ ކުރާނެ ކަމަށާއި އެމްޑީޕީ ކައުންސިލަރުންގެ އެއްބާރުލުމާއި ނުލާވެސް ތަރައްގީ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހަމައެއާ އެކު ތަރައްގީއަށް ހުރަސް ނޭޅުމަށްވެސް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ.