Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

މިނިވަން ޗެމްޕިއަންޝިޕްގެ ތާރީހީ ފައިނަލް މެޗް މާދަމާ

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗް މާދަމާ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެން ނިންމައިފި އެވެ.

މާދަމާގެ ފައިނަލް މެޗްގައި ވާދަކުރާނީ މި މުބާރާތުގެ އެންމެ ފަހުގެ ދެ މުބާރާތުގެވެސް ފައިނަލްގައި ކުޅުނު ފޭދޫ އެާއި ހިތަދޫ ޓީމެވެ. މި މުބާރާތުގައި މިފަހަރު އައްޑޫން ޖުމްލަ 5 ޓީމް ކުޅެފައިވާ އިރު ފޭދޫ އާއި ހިތަދޫ ފައިނަލަށް ދަތުރުކޮށްފައިވަނީ މެޗަކުން ބަލި ނުވެއެވެ. މިދެޓީމް މި މުބާރާތުގައި ބައްދަލުކުރި މެޗް 1-1 ލަނޑުން ވަނީ އެއްވަރުވެފައެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފާއިތުވި ދެ އަހަރު ވެސް ތަށި އުފުލާފައިވަނީ ފޭދޫ ޓީމުންނެވެ. އެޓީމް ކޮންމެ ފަހަރަކުވެސް ތަށި ނަގަނީ ހިތަދޫ ޓީމް ބަލިކޮށްގެންނެވެ.

އެހެންވެ މިފަހަރު ފޭދޫ ޓީމް ނިކުންނަނީ މުބާރާތް މިލްކު ކުރުމަށެވެ. އަނެއްކޮޅުން ހިތަދޫ ޓީމް މާދަމާ މެޗަށް ނިކުންނަނީ ފޭދޫގެ މައްޗަށް ކުރި ހޯދުމަށެވެ.

މި މުބާރާތުގައި ހިތަދޫ ޓީމުން އަންނަނީ ހުނަރުވެރި ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެންމެ ފަހު މެޗްގައި ހިތަދޫ ޓީމުން ވަނީ މަރަދޫފޭދޫ ކޮޅަށް 9 ލަނޑު ޖަހާފައެވެ.

ހިތަދޫ ޓީމްގައި ބިދޭސީ 3 ކުޅުންތެރިން ތިބިއިރު މިފަހަރު އެޓީމްގެ ގޯލް ބަލަހައްޓަނީވެސް ބިދޭސީ ކުޅުންތެރިއެކެވެ. ޓީމްގެ ކޯޗަކީ ސްރީލަންކާގެ ހަމްސާއެވެ. ހަމްސާ އަކީ ސްރީލަންކާގެ ޕްރީމިއަރ ޑިވިޝަންގައި ކުޅޭ ބުލޫ ސްޓަރގެ ކޯޗެވެ.

ފޭދޫ ޓީމަށް ބަލާއިރު އެޓީމްގައިވެސް ބިދޭސީ ތިން ކުޅުންތެރިން ތިބިކަން ފާހަގަކުރެވެއެވެ. އެއީ ނައިޖީރިއާގެ ދެ ކުޅުންތެރިންނާއި ގާނާގެ ކުޅުންތެރިއެކެވެ.

މީގެ އިތުރުން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި 2008 ވަނަ އަހަރު އުފުލާލި ދިވެހި ގައުމީ ޓީމަށް ކުޅުނު މުޙްތާރު ނަސީރު (ޓޫކިލޯ) އާއި އަހްމަދު ސައީދު (އައްމަޓީ) އާއި ފުރަތަމަ ޑިވިޝަންގައި ކުޅުނު އަލީ ސަރީރް (ޕީޓާ) ފާހަގަކޮށްލެވެއެވެ.

ފޭދޫ އަދި ހިތަދޫ ތާރީހީ މެޗަކަށް މާދަމާ ނިކުންނައިރު ދެ ޓީމަށްވެސް އޮތް އެންމެ ބޮޑު ޑިސްއެޓްވާންޓޭޖަކީ ސަޕޯޓަރުންގެ މައްސަލައެވެ. މީދޫގައި މެޗް ކުޅޭތީ ސަޕޯޓް ކުރުމަށް ދެވޭނީ ނިސްބަތުން މަދު ބަޔަކަށެވެ.

ހިތަދޫ ޓީމުން ބުނީ އެޓީމަށް ސަޕޯޓް ކުރުމަށް މީދޫއަށްދާން ބޭނުން ފަރާތްތަކަށް މާދަމާ މެންދުރު 2:15އިން ފޭދޫން ފުރާ ދޯންޏެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދެކުނު ދަތުރުފަތުރު ނިޒާމްގެ ލޯންޗާއި ފެރީގައި މެޗް ބަލަން ދެވޭނެކަމަށް ޓީމުން ބުނެއެވެ.

ފޭދޫ ޓީމުންވެސް ވަނީ ވީހާވެސް ގިނަ ބަޔަކު މެޗްގައި ސަޕޯޓްކޮށްދިނުމަށް މީދޫއަށް ދިއުމަށް އެދިފައެވެ.