Last Updated: July 27, 11:42
Monday, July 27, 2026
ޚަބަރު

"އާ ހޮސްޕިޓަލްގެ ވާހަކައިން އައްޑޫ ރައްޔިތުން ގުނބޯ ނުހެއްދޭނެ"

ކައުންސިލް ބައްދަލުވުމުގެ ތެރެއިން: ފޮޓޯ: ކައުންސިލް މީޑިއާ

އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް ބިނާކުރުމުގެ ވާހަކަ ދައްކައިގެން ސަރުކާރަށް އައްޑޫގެ ރައްޔިތުން ގުނބޯ ނުހެއްދޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އައްޑޫގެ ރައްޔިތުން އެންމެ ކަންބޮޑުވާ އެއް ކަމަކީ، ބޭސްފަރުވާގެ ޚިދުމަތް ލިބިގަންނާނެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ޤާއިމުވެފައި ނެތުން ކަމަށެވެ.

ކައުންސިލުން ބުނެފައިވަނީ 100 އެނދުގެ ހޮސްޕިޓަލުގެ ވާހަކަ ދައްކަވާ ފަރާތްތަކުން (ސަރުކާރުން) މިވާހަކަ ދައްކަވާ އިރު މިވާހަކައިން އައްޑޫސިޓީގެ ރައްޔިތުން ގުނބޯ ހެއްދޭކަމަށް ހީފުޅު ކުރައްވާކަމީ އެބޭފުޅުންގެ ހުރި ނުކުޅެދުންތެރިކަން ކަމަށެވެ.

މީގެ އިތުރުން 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް ދިވެހި ދައުލަތަށް ލޯނު ނެގިފައިވާ ގޮތާއި ދައުލަތުގެ އެކި އަހަރުތަކުގެ ބަޖެޓްތަކުގައި މިމަޝްރޫއު ހިމަނުއްވައި ފައިސާ ހިމަނުއްވަމުން މިހޮސްޕިޓަލް އެޅުއްވުމާއި ބެހޭގޮތުން ތަފާތު ބަހަނާ ދައްކަވަމުން ގެންދާކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭކަމަށް ކައުންސިލުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

"2012 ވަނަ އަހަރުއްސުރެ އީސީސީ ދިވެހި ސަރުކާރުން އިހުމާލު ކޮށްލައްވައި އަދި މިއަދުގެ ސަރުކާރުން އީސީސީ ވީރާނާވުމަށް ދޫކޮށްލައްވާފައިވާކަން އައްޑޫސިޓީގެ ކުދި ބޮޑު އެންމެހާ ރައްޔިތުން ދަނެތެވެ."

ކައުންސިލުން ބުނެފައިވާ ގޮތުގައި އައްޑޫ ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކަންކަމުގައި އައްޑޫސިޓީ ކައުންސިލުން އަބަދުވެސް އެއްބާރުލުން ދެއްވާފައިވާ ކަމަށެވެ.

އަދި ކައުންސިލަރުންގެ މުސާރަ ކުޑަކުރިޔަސް އައްޑޫސިޓީގެ ކައުންސިލުން ސަރުކާރާއި ގުޅިގެން ތަރައްޤީއަށް ކުރެވެމުންދާ އެއްވެސް ކަމަކަށް ހުރަސް އަޅައި ދަތިކޮށްފައި ނުވާނެކަން ވަނީ ފާހަގަކޮށްފައެވެ.