މިސަރުކާރުން ރައްޔިތުންނަށް ތަރައްގީގެ މަޝްރޫއުތައް ފޯރުކޮށްދެމުންދާތީ ވޯޓު ލުމުގެ ބޭނުމެއް ނެތް ކަމަށް ދެކިގެން ވޯޓު ލާން ނުގޮސް ތިބި މީހުން އެބަތިބި ކަމަށް ރައީސުލް ޖުމުހޫރިއްޔާ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ ސަރުކާރު ކޯލިޝަނުން ބޭއްވި ސިލްސިލާ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ މިއިންތިޚާބުގައި ލިބިގަންނަންވީ ގިނަގުނަ ފިލާވަޅުތަކެއް އެބަތިބި ކަމަށެވެ.
އެގޮތުން ވޯޓު ހައްގު ވަރަށް ގިނަ ބަޔަކު ވޯޓުލާން ގޮސްފައިނުވާކަން ރައީސް ޔާމީން ވަނީ ފާހަގަކޮށްފައެވެ. ވޯޓުލާން ގޮސްފައިނުވާ ސަބަބުތައްވެސް ރޭގެ ޖަލްސާގައި ރައީސް ވިދާޅުވެފައިވެއެވެ. މާލޭ ސިޓީގެ ރައްޔިތުން ވޯޓުލާން ގޮސްފައިނުވަނީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ނިމިގެންދިޔަ ދައުރުގައި ސިޓީ ކައުންސިލުން މަސައްކަތްކޮށްފައިނުވާތީ ކަމަށް ވިދާޅުވެފައިވެއެވެ.
އަދި ބައެއް ރައްޔިތުން ވޯޓު ލާން ގޮސްފައިނުވަނީ މިސަރުކާރުން ތަރައްގީ ކުރާވަރު ބޮޑު ކަމުން ވޯޓުލުމުގެ ބޭނުމެއް ނެތް ކަމަށް ދެކިގެން ކަމަށްވެސް ރޭގައި ރައީސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނަތީޖާތައް ދިރާސާކޮށްފިން. އަދިވެސް މިދަނީ ނަތީޖާތައް ދިރާސާ ކުރަމުން. ތަފްސީލް ހިސާބުތަކެއް ވަރަށް އަވަހަށް ރައްޔިތުންނާ ހަމައަށް ހުށަހަޅާނަން،"
ރޭގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ރައީސްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އަލަށް އިންތިޚާބުވި އެމްޑީޕީގެ ކައުންސިލިރުން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް ނޭޅުމަށްވެސް ރައީސް ޔާމީން ގޮވާލާފައިވެއެވެ. އަދި އެމްޑީޕީއިން މެޖޯރިޓީ ނެގި ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާނެ ކަމަށާއި އެ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ރައީސް ޔާމީން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.