ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމް "ޓިއުބްލައިޓް" ގެ ލަވަ "ރޭޑިއޯ" ދުބާއިގައި ދައްކާލައިފި އެވެ.
ދުބާއިގައި އެ ލަވަ ރިލީޒްކުރި ސަބަބާ މެދު ސުވާލު ކުރުމުން، ސަލްމާން ބުނީ އެއީ އޭނާ މިހާރު ކުޅެމުން އަންނަ ފިލްމް "ޓައިގާ ޒިންދޭ ހޭ" ގެ ޝޫޓިން ވަރަށް ބިޒީކޮށް އެ ގައުމުގައި ކުރިއަށް ގެންދާތީ، ލަވަ ވެސް އެ ތަނުގައި ނެރޭ ގޮތަށް ނިންމީ ކަމަށެވެ.
ކަމާލް ޚާން ކިޔާފައިވާ އެ ލަވަ ކޮރިއޮގްރާފްކޮށްފައި ވަނީ ރެމޯ ޑި ސޫޒާ އެވެ.
"ރޭޑިއޯ" ލަވައާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ސަލްމާން ބުނީ ލަވައަށް "ރޭޑިއޯ" ގެ ނަން ދިނީ އޭނާގެ ބޭބެ ދިރިހުރި ކަމުގެ ޚަބަރު އިއުލާން ކުރަނީ ރޭޑިއޯ އިން ކަމުގައި ވާތީ ކަމަށެވެ.
ޑައިރެކްޓަރު ކަބީރް ޚާން ބުނި ގޮތުގައި އެއީ ހަނގުރާމައެއް ނިމޭ ހިސާބުން އަންނަ އުފާވެރި ލަވައެއް ކަމަށެވެ. އަދި އެ ލަވަ ސެޓްކޮށްފައި ވަނީ 1962 ވަނަ އަހަރުގަ އެވެ. އެ ޒަމާނުގައި ޚަބަރު ފަތުރާ ހަމައެކަނި ވަސީލަތަކީ ރޭޑިއޯ އެވެ.
ކަބީރް އަދި ބުނީ ލަވައިގައި 700-800 ނެށުންތެރިންނާއި އިތުރު 1،000 އެކްޓަރުން ހިމެނޭ ކަމަށެވެ.
ސަލްމާންގެ ކޮއްކޮ ސޮހެއިލް ޚާން ވެސް "ޓިއުބްލައިޓް" އިން ފެނިގެން ދާނެ އެވެ. މި ފިލްމް ސިނަމާތަކަށް އަންނާނީ ޖޫން 23 ގަ އެވެ.