Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

މައިލޯ ކިޑްސް ފިއެސްޓާ މިއަދު ފަށަނީ

ސޮކާ ވެޓަރެންސް އެސޯސިއޭޝަނުން ބާއްވަމުން އަންނަ މައިލޯ ކިޑްސް ފިއެސްޓަރގެ އައްޑޫ ފެސްޓިވަލް މިއަދު ހަވީރު ފަށާގޮތަށް ނިންމައިފިއެވެ.

އައްޑޫގެ 8 ސްކޫލަކުން ޖުމްލަ 576 ކުޅުންތެރިން ފެނިގެންދާނެ މި ފިއެސްޓާގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު 3:45ގައި އައްޑޫ ސްޓޭޑިއަމްގައެވެ. މި ފިއެސްޓާގެ ފައިނަލް އޮންނާނީ މި މަހުގެ 21 ދުވަހު ހަވީރުއެވެ.

ޕްރީ ސްކޫލް، ގްރޭޑް 1،2،3 ގެ ދަރިވަރުންނަށް ބާއްވާ މި ފިއެސްޓާގެ ކާމިޔާބް 3 ފެސްޓިވަލް ސޮކާ ވެޓަރެންސުން ވަނީ އައްޑޫގައި ބާއްވާފައެވެ.

މީގެ ކުރީގެ ފިއެސްޓާތައް ބާއްވާފައިވަނީ ޕްރީ ސްކޫލާއި ގްރޭޑް 1ގެ ދަރިވަރުންނަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތުގައި ސޮކަ ވެޓަރެންސުން ބުނީ މިއަހަރު ގްރޭޑް 2 އަދި 3 ގެ ދަރިވަރުންނަށް ފުރުސަތު ހުޅުވާލާނެކަމަށެވެ.

އެހެންވެ މިފަހަރު މުބާރާތުގައި 8 ސްކޫލުން ޖުމްލަ 32 ޓީމް ފެނިގެންދާނެއެވެ. އެގޮތުން ރޭ ވަނީ ފެސްޓިވަލްގައި ބައިވެރިވާ ސްކޫލްތަކުގެ ގުރުއަތުލުމާއި މުބާރާތާއި ގުޅޭ މައުލޫމާތު ސްކޫލްތަކުގެ ކޯޗުންނާއި އޮފިޝަލުން އަދި ބެލެނިވެރިންނާއި ހިއްސާކޮށްފައެވެ.

މައިލޯ އާއި މޯލްޑިވިއަންގެ އެހީތެރިކަމާއި އެކު ސޮކާ ވެޓަރެންސްއިން ބާއްވާ ކިޑްސް ފިއެސްޓާއަށް އަބަދުވެސް އައްޑޫން ބޮޑު ތަރުހީބެއް ލިބެއެވެ. މިދިޔަ އަހަރު އައްޑޫގައި ބޭއްވި ފިއެސްޓާގައި 306 ކުދިން ކުޅެފައިވާއިރު މިއަހަރުގެ ފިއެސްޓާގައި ބައިވެރިވާ ކުދިންގެ އަދަދު މިވަނީ 576 މަތިވެފައެވެ.