Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

މި ފަހަރު ކައުންސިލް އިންތިހާބުގައި ބާތިލް ވޯޓް ގިނަ: އީސީ

މިފަހަރު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިޚާބަކީ، އެންމެ ދުރާލާ ތައްޔާރުވެގެން އިލެކްޝަންސް ކޮމިޝަނުން ބޭއްވި އިންތިޚާބުކަމަށާއި ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ބާތިލު ވޯޓު ގިނަކަން އިލެކްޝަން ކަމިޝަނުން ފާހަގަ ކޮށްފިއެވެ.

ކައުންސިލްތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރެއްވުމަށްފަހު, ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި ބާތިލު ވޯޓު ގިނަކަން ފާހަގަކުރެވިފައިވާތީ ކުރިއަށް އޮތް އިންތިޚާބުތަކުގައި އެކަން މަދުކުރެވޭނެ ގޮތަކަށް ދުރާލާ ތައްޔާރުވެ މަސައްކަތް ކުރައްވާނެކަމަށެވެ.

އިލެކްޝަންއިން ބުނީ މިފަހަރުގެ އިންތިހާބްގައި މުޅި ރާއްޖެއިން 66 ޕަސެންޓް މީހުން ވޯޓު ދީފައިވާ ކަމަށެވެ. ނަމަވެސް ވޯޓުލީ މީހުންގެ އަދަދެއް އިލެކްޝަނުން ހާމަކޮށްފައި ނުވެއެވެ.

މިފަހަރުގެ އިންތީޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރެއްވުމާއި ހަމައަށް ކޮމިޝަނުން ޤާއިމްކުރައްވާފައިވާ ކޮމްޕްލެއިންސް ބިއުރޯއަށް ހުށައަޅުއްވާފައި ވަނީ ޖުމްލަ 116 މައްސަލައެވެ. އިލެކްޝަންއިން ބުނީ އޭގެ ތެރެއިން 115 މައްސަލަ ބައްލަވައި ނިންމަވާފައިވާކަމަށެވެ. އަދި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ މައްސަލައެއް ފިޔަވައި ނަތީޖާއަށް އަސަރުކުރާފަދަ މައްސަލައެއް ކޮމްޕްލެއިންސް ބިއުރޯއަށް ހުށައެޅިފައިނުވާ ކަމަށެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް 655 ކައުންސިލަރުން އިންތިހާބްކޮށްފައިވާއިރު މިފަހަރު ގިނަ ގޮޑި ކާމިޔާބް ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. މިނިވަން ކެންޑިޑޭޓުންވެސް ވަނީ ގިނަ ގޮޑިތަކެއް ކާމިޔާބްކޮށްފައެވެ. އަދި ސަރުކާރު ހިންގާ ކޯލީޝަނަށް ލިބިފައިވަނީ ނިސްބަތުން މަދު ގޮޑިތަކެއް ކަން ފާހަގަ ކުރެވެއެވެ.