Last Updated: July 27, 11:42
Monday, July 27, 2026
ޚަބަރު

ތަރައްގީ އަށް އަބަދު ވެސް އެއްބާރުލުން ދޭނަން: އައްޑޫ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލް އިދާރާ: ފޮޓޯ: ކައުންސިލް

އައްޑޫގެ ރައްޔިތުންގެ ތަރައްގީ އަށް ސަރުކާރުން ކުރައްވާ ހުރިހާ ކަމަކަށް އެއްބާރުލުން ދީފައި ވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ކައުންސިލުން މީގެ ކުރިންވެސް މަސައްކަތް ކުރައްވަމުން އައިސްފައިވަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި އެހީތެރިވެ އެއްބާރުލުން ދީގެން" ކަމަށެވެ.

ކައުންސިލުން ބުނެފައިވަނީ، އައްޑޫސިޓީ ކައުންސިލަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން އިންތިހާބުވި ނަމަވެސް ކައުންސިލްގެ ވިސްނުމަކީ، ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކަންކަމުގައި އެހީތެރިވެ އެއްބާރުލުން ދިނުން ކަމަށެވެ.

ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތަކަށް މިހާތަނަށްވެސް ކައުންސިލުން އެއްބާރުލުން ދީފައިވާ ކަމަށާއި އެގޮތުން ހިތަދޫގައި ހަދަން ނިންމި މަސްފެކްޓަރީ އަށް ސަރުކާރުގެ ފަރާތުން އެދިލެއްވުމުން ކައުންސިލުން ވާނީ ބިން ދޫކޮށްފައިވާނެ ކަން ކައުންސިލުން ވަނީ ބުނެފައެވެ.

"އައްޑޫސިޓީ ކައުންސިލުން އިރާދަކުރެއްވިއްޔާ އަދިވެސް ދެމިތިބޭނީ ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކަންކަމުގައި އެއްބާރުލުން ދެމުންދާނެ ކައުންސިލެއްގެ ގޮތުގައެވެ. މިކަން އައްޑޫސިޓީގެ ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވަމެވެ."

މީގެ އިތުރުން އައްޑޫގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ކައުންސިލުގެ ބަޔާނުގައި ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.