Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ސަންތި މަރިޔަބު ބަންޖެއް ކިޔުއްވި ޓީޗަރަކު ގޭގައި މަޑުކުރަން އަންގައިފި

ނިމިގެން ދިޔަ ކުޑަކުދިންގެ ދުވަހު ގއ. ކަނޑުހުޅުދޫ ސްކޫލުގައި ބޭއްވުނު ހަރަކާތްތަކުގައި ސަރުކާރަށް ފާޑުކިޔުމުގެ ގޮތުން ސްކޫލްގެ ލީޑިންގ ޓީޗަރު ބަންޖެއް ހެދިކަމަށް ބުނެ ގޭގައި މަޑުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން އަންގައިފިއެވެ.

ގޭގައި މަޑުކުރުމަށް އަންގާފައިވަނީ ސްކޫލުގެ ލީޑިންގ ޓީޗަރު އަޝްރަފް އަބްދުﷲ އެވެ. އަޝްރަފު ހެދި ބަނދި ކިޔާފައިވަނީ ސުކޫލުގެ ދަރިވަރެއްގެ ބެލެނިވެރިއެކެވެ.

ބަންޖަކީ ސަރުކާރަށާއި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތް އިބްރާހީމަށް ބަދުބަސް ރައްދުވާ ބަންޖެއް ކަމަށް ބުނެ އެރަށު ކައުންސިލުން ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށް މައްސަލަ ހުށައަޅާފައެވެ.

އެނގިފައިވާ ގޮތުގައި ބެލެނިވެރިޔާ ބަނދި ކިޔަން ފެށުމުން ސްކޫލުގެ ޕްރިންސިޕަލް ވަނީ އޭނާގެ އަތުން މައިކު އަތުލައި، ކިޔުން ހުއްޓުވާފައެވެ. ބަނދީގައި ޖީއެސްޓީގެ ވާހަކައާއި ބައެއް މީހުންގެ ވާހަކަ އެކުލެވޭ ކަމަށް ޚަބަރު ލިބިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން އެރަށު ރައްޔިތުންގެ މެދުގައި ޚިޔާލު ވަނީ ތަފާތުވެފައެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ބަންޖަކީ ސިޔާސީ ގޮތުން އެއްވެސް މީހަކަށް ބަދުބަސް ރައްދުކުރުމަށް ކީ ބަންޖެއް ނޫނެވެ. ބަނދީގައި މެޑަމް ފާތުންއަށްވެސް ނުވަތަ އެހެން މީހަކަށްވެސް ޖޯކެއް ޖަހާފައިނުވާ ކަމަށް އެމީހުންދެކެއެވެ.

އަނެއް ބަޔަކު ދެކެނީ ބަނދި ހެދީ ސަރުކާރަށް ފާޑު ކިޔުމަށެވެ. އަދި ބަނދީގައި ޖީއެސްޓީގެ ވާހަކަ ގެނެސްފައިވުމުން އެއީ ބަނދި ސިޔާސީ ވުމެވެ. ރަށު ކައުންސިލުންވެސް ދެކުނީ ބަންޖަކީ ސިޔާސީ ބަންޖެއް ކަމަށެވެ.