Last Updated: June 23, 20:16
Tuesday, June 23, 2026
ދުނިޔެ

ލަންޑަނުގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

އިނގިރޭސިވިލާތުގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު އުތުރު ލަންޑަނުން މިއަދު ހައްޔަރުކޮށްފި އެވެ.

މެޓްރޮޕޯލިއަން ޕޮލިސްގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމެންޓާއި އެމްއައި5 އިން ހިންގި ތަހުގީގެއްގައި އުތުރު ލަންޑަނުން ހައްޔަރުކޮށްފައިވަނީ 18، 25 އަދި 27 އަހަރުގެ ތިން ފިރިހެނުންނެވެ. 24 އަހަރުގެ ހަމަލާ ރޭވުމުގައި ބައިވެރިވި ކަމަށް ބުނާ ހަތަރު ވަނަ މީހާ ހައްޔަރުކޮށްފައިވަނީ ވަކިންނެވެ.

މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ އިނގިރޭސި ވިލާތުގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރާވަމުންދާ ކަމުގެ ތުހުމަތުގައި އެމީހުންގެ ހަރަކާތާއި އުޅޭ އުޅުމަށް ބަލާފައި ކަމަށް އެގައުމުގެ ފުލުހުންނާއި ހަވާލާދީ ޓެލެގްރާފްއިން ރިޕޯޓުކޮށްފައިވެއެވެ.

ހައްޔަރުކުރީ އިނގިރޭސިން ކަމެއް ނުވަތަ އެހެން ގައުމެއްގެ ބަޔެއް ކަމެއް އަދި އިނގިރޭސި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެމީހުން ރާވަމުން ދިޔައީ ކޮން ކަހަލަ ހަމަލާއެއް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.