Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ހިތަދު އަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއްވެއްޖެ

ނަގޫރޯޅީގެ ސަބަބުން ސިލިންކޯ އިންޝުއަރެންސް ކުންފުނީގެ އޮފީހަށް ލިބިފައިވާ ގެއްލުންތައް.

އައްޑޫއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތަދޫއަށް ބާރުގަދަ ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މަންޒަރު ދުށް މީހަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ ނަގޫ ރޯޅި އަރާފައިވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ ވޭލީ ގެއާއި އަދި އެގެއާއި އިންވެގެން ހުރި ގެ ހިމެނޭ ސަރަހައްދަށް ކަމަށެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

އެ ސަރަހައްދުން މައުލޫމާތު ދިން މީހަކު ބުނީ އެ ހިސާބުގެ ބައެއް ގޭގޭގެ ފުރާޅު އުކާލާފައިވާ އިރު އެއް ގެއެއްގެ ތެރޭގައި ހުރި ބިޔަ އަނބު ގަހެއްވެސް ވަނީ ވެއްޓިފައެވެ. އަދި އިތުރު ބައެއް ގަސްތައްވެސް ވަނީ ވެއްޓިފައެވެ.

ހާދިސާ ހިނގި ސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ "އައްޑޫލައިވް" ނޫސްވެރިއާ ބުނީ ހިތަދޫ ބޮޑު މަގުގައި ހުންނަ ހެޕީޒޯން ފިހާރައާއި ދިމާލު މަގު ވަނީ ގަސްތައް ވެއްޓި ބްލޮކް ވެފައި ކަމަށެވެ.

މިހާދިސާ ހިނގުމާއި ގުޅިގެން އެ ސަރަހައްދުގެ ބައެއް ގެތަކުން މިވަގުތު ވަނީ ކަރަންޓް ކަނޑާލާފައެވެ.

10:50 ނަގޫރޯޅި އެރި ސަރަހައްދުގެ ގިނަ ގެތަކެއްގެ ފުރާޅު އެއްލާލާފައި ވާއިރު މިހާރުވެސް ހިތަދޫ އަށް ދަނީ ކޮންމެވެސް ވަރަކަށް ވާރޭ އެބަވެހެއެވެ. އޭގެ ސަބަބުން ފުރާޅު އެއްލާލި ގެތަކަށް ވާރޭ ވެހި ގެއްލުންތައް ވަމުންދާއިރު، އާންމު ފަރާތްތަކުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހިތަދޫއަށް އެރި ނަގޫރޯޅީގެ ސަބަބުން ފުރާޅު އެއްލާލާފައިވާ ގެއެއް. އައްޑޫލައިވް ފޮޓޯ: ނިޒާމް ޒާހިރް

11:05 ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވެދިނުމުގައި އެމްއެންޑީއެފް، ޕޮލިސް އަދި އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ގެންދަނީ ހަރަކާތްތެރިވަމުންނެވެ.

11:18  

ހިތަދޫގައި ހުންނަ ސެލިންކޯ އިންޝުއަރެންސް ކުންފުނީގެ ފުރާޅު ވެސް ވަނީ އެއްލާލާފައި.
ފުރާޅު އެއްލާލި ގެތަކުގެ އަދަދު މުޅިން ސާފެއް ނުވޭ.

11:25 އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް، ހިތަދޫ ދެކުނު ދާޢިރާގެ ކައުންސިލަރ ޔަސްރިފް އަދި މެދު ދާއިރާގެ ކައުންސިލަރ ކަމަށް އިންތިހާބުވި ޖަމްޝީދާ މުހައްމަދު ވެސް މިހާރު ގެންދަވަނީ ނަގޫރޯޅި އެރި ގެތަކުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން.

11:27  

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ޖުމްލަ 12 ގެއެއްގެ ފުރާޅުވަނީ އެއްލާލާފައި. އެ ގެތަކުގެ މީހުންނަށް އަވަށްޓެރިން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުން.

11:32  

މިހާރު ވެސް ހިތަދޫއަށް ދަނީ ބޯކޮށް ވާރޭ ވެހެމުން، އޭގެ ސަބަބުން ފުރާޅު އެއްލާލާފައިވާ ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިލާންޖެހިފައި.

11:36  

ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު އެއްވެސް ގެއަކުން މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވޭ.

11:38  

ނަގޫރޯޅީގެ ސަބަބުން ސިލިންކޯ އިންޝުއަރެންސް ކުންފުނީގެ އޮފީހަށް ލިބިފައިވާ ގެއްލުންތައް.

11:38  

ގޯތިތެރޭގައި ހުރި ގަސްތައް ފުރާޅު މައްޗަށް ވެއްޓުމުގެ ސަބަބުން ތިން ގެއަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި.

11:55  

އައްޑޫ ސިޓީގެ މޭޔަރ ސޯބެގެ އިންޓަވިއު.

12:10  
އައްޑޫގައި ހުންނަވާ ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ ޒުހައިރުގެ އިންޓަވިއު

12:20 

ގެއްލުން ލިބުނު ގެތަކުގެ ހުރިހާ މީހުން މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި. އެގޮތުން ހުރިހާ ގެއްލުން ލިބުނު ގެތަކުގެ މީހުން މިވަގުތު ތިބީ އަވަށްޓެރިންގެ ގެތަކުގައި.

12:20 

ވެއްޓިފައިވާ ގަސްތައް ނެގުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުން އެބަގެންދޭ. މި މަސައްކަތުގައި އެމްއެންޑީއެފް، ޕޮލިސް، އެމްއާރްޑީސީ، އައްޑޫ ސިޓީ ކައުންސިލް، ހައުސިން މިނިސްޓްރީ އަދި އާންމު ރައްޔިތުން ދަނީ ބައިވެރިވަމުން.

12:35 

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި.ވައިޓް އެލާޓް ނެރެފައި ވަނީ ރޭ 23:30 އިން ފެށިގެން ފަތިހު 5:30 އާއި ހަމައަށް