Last Updated: June 11, 21:26
Thursday, June 11, 2026
ސިއްހަތު

ޕާކިސްތާނުގެ މިލިޓަރީ އާއި އެމްއެންޑީއެފް ގުޅިގެން ސިއްހީ ޕްރޮގްރާމެއް

ޕާކިސްތާނުގެ މިލިޓަރީ ޑޮކްޓަރުންނާއި އެމްއެންޑީއެފް މެޑިކަލް ސާވިސް އަދި އެމްއެންޑީއެފް ނޮދަން އޭރިއާ ގުޅިގެން އުތުރުގެ ބައެއް ރަށްރަށުގައި ބައެއް ބަލިތަކަށް ފަރުވާ ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ދިވެހި އަސްކަރިއްޔާ އާއި ޕާކިސްތާނު އަސްކަރިއްޔާ ގުޅިގެން މި މަހުގެ 21-28 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ހިމެނިވަޑައިގަންނަ ވަނީ، ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނާއި ކަރުންމަތީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނެވެ.

އެމްއެންޑީއެފް އިން އިސް ނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބުރާސްފަތި ދުވަހު ވަނީ ކ. ކާށިދޫ ކައުންސިލާއި ގުޅިގެން އެ ރަށު ސިއްޙީ މަރުކަޒުގައި 58 ކުޑަ ކުއްޖަކަށް ފަރުވާދެއްވާފަ އެވެ. އަދި ކަރުންމަތީގެ ބަލިތަކުގެ 65 މީހަކަށް ފަރުވާ ދެއްވާފައިވެ އެވެ.

މީގެ އިތުރުން ޅ.އޮޅުވެލިފުށީ ސިއްޙީ މަރުކަޒުގައި މިއަދު އިއްޔެ ކުޑަކުއްޖަކަށް ފަރުވާ ދެއްވާފައިވާ އިރު، ކަރުންމަތީގެ ބަލިތަކުގެ 18 މީހަކަށް ފަރުވާ ދެއްވާފައިވެ އެވެ. އަދި ޅ. ކުރެންދޫ ސިއްޙީ މަރުކަޒުގައި 16 ކުޑަކުއްޖަކަށް ފަރުވާ ދެއްވުމުގެ އިތުރުން، ކަރުންމަތީގެ ބަލިތަކުގެ 15 މީހަކަށް މި ޓީމުން ފަރުވާ ދެއްވާފައިވެ އެވެ.

ޕާކިސްތާނުގެ މިލިޓަރީ ޑޮކްޓަރުންގެ މިޓީ މުން ޅ. ނައިފަރުގައި މިއަދު ބަލި މީހުން ބައްލަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި، އެއަށް ފަހު މި ދަތުރުގައި، ޅ. ހިންނަވަރާއި ނ. ވެލިދު އާއި ނ. ހޮޅުދޫގެ އިތުރުން ށ. މިލަންދޫގައި ބަލި މީހުން ބައްލަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް މެޑިކަލް ސަވިސް އިން ބުންޏެވެ.