ވާދަވެރި އިންތިޚާބަކަށް ފަހު ސިޔާސީ ގޮތުން އުފެދުނު ނުތަނަވަސްކަން ފިލައިގެން ނުދަނީސް، ރޭ ހިތަދޫއަށް އެރި ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރިހާ ސިޔާސީ ޕާޓީއެއްގެ މީހުން މިއަދު ތިބީ އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ނިކުމެފައެވެ.
އެމީހުންގެ އަމާޒަކީ، ގެއްލުން ލިބުނު ގެތަކަށް ވީހާވެސް ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދިނުމެވެ. 'ފުލްގިއަރުގައި' ކަމަރު ބަދެގެން ނިކުމެ މުއައްސަސާތަކުން ތިބީ އެއް އަމާޒެއް ހާސިލްކުރުމަށެވެ.
އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮންނަ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި ސަރުކާރުގެ މުއައްސަސާތަކާއި އެއްކޮށް ނިކުމެ ކާރިސާގެ ވަގުތުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
" ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ވަކި ކުލައަކަށް ނުބަލައި މުއައްސަސާތަކާއި، ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަމުން ގެންދާއިރު، ގިނަ ބަޔަކު ގެންދަނީ އެކަން އުފަލާއި އެކު ބަލައިގަންނަމުންނެވެ."
'އައްޑޫލައިވް' އާއި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް ވިދާޅުވި ގޮތުގައި ހިތަދޫގެ ރައްޔިތުންނަށް ކަމާއި ގުޅުން ހުރި ހުރިހާ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމީ، ކައުންސިލުގެ ފަރާތުން ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ.
ހައުސިން މިނިސްޓްރީން އައްޑޫ ސިޓީއަށް ކަނޑައަޅުއްވާފައި ހުންނަވާ އެގްޒެކެޓިވް ކޯޑިނެޓަރ އަބްދުﷲ ޒުހައިރު ވެސް ވަނީ ނަގޫރޯޅި އެރި ގެތަކުގެ މީހުންގެ ހާލަތު ބައްލަވާލެއްވުމަށް، ވަޑައިގެންފައެވެ.
" މިފެންނަ އެއްބައިވަންތަކަން ފެނިފައި ކޮންމެވެސް ވަރެއްގެ ތަސައްލީއެއް އެބަލިބޭ. ޝުކުރުވެރިވަން ކައުންސިލާއި ހައުސިން އަދި ޕޮލިސް އެމްއެންޑީއެފް. އަދި އެެންމެންނަށް" ނަގޫރޯޅީގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ގެއަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމްދީދީ ވެސް ވަނީ މުއައްސަސާތައް ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވަރަށް އަވަހަށް ދާއިރާގެ ރައްޔިތުންގެ ހާލު ބައްލަވާލެއްވުމަށް ވަޑައިގަންނަވާނެ ކަމަށް އިބްރާހިމް ދީދީ ވަނީ ވިދާޅުވެފައެވެ.
ސިޔާސީ ގޮތުން ޚިޔާލުތަފާތުވިޔަސް ހިތަދޫގެ އާންމު ރައްޔިތުންގެ ފަރާތުން ހާލުގައި ޖެހުނު ގެތަކަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަން ފާހަގަކޮށްލެއެވެ. އެގޮތުން، ނަގޫރޯޅީގައި ގެއްލުން ލިބުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވަނީ އަވަށްޓެރި ގެތަކުގެ މީހުންނެވެ.
އަދި ނަގޫރޯޅީގެ ސަބަބުން އެއްލާލި ފުރާޅުތައް މަރާމާތު ކުރުމަށް ވެސް އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.