Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ނަގޫރޯޅީގައި ގެއްލުންވި މީހުންގެ ހާލު ރައީސް ބައްލަވާލައްވައިފި

ރޭ ހިތަދޫއަށް އެރި ނަގޫ ރޯޅީގައި ގެއްލުންވި އާއިލާތަކުގެ ހާލު ރައީސް އަބްދުﷲ ޔާމީން ބައްލަވާ ލައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއަޒު އަލީ ވިދާޅުވީ ހިތަދޫއަށް ނަގޫރޯޅި އަރައި ގެއްލުން ލިބުނު ހަބަރު އެއްސެވީ ނުހަނު ހިތާމަ އާއި އެކު ކަމަށާއި މިކަމުގެ މައުލޫމާތު ރައީސް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ.

ރޭ 10:05 ހާއިރު ހިތަދޫއަށް އެރި ނަގޫ ރޯޅީގައި 15 ގެއަކަށް ގެއްލުންވެފައިވާއިރު އޮފީހަކަށާއި ފިހާރައަކަށްވެސް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ.

ހާދިސަ ހިނގި ސަރަހައްދުގައި ހުންނަވައިގެން އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑޫ ރައްޔިތުންނަށް ލިބުނު ހިތާމަވެރި ވަގުތު ރައީސްގެ ފަރާތްޕުޅުން ގުޅުއްވައި ހާލު ބެއްލެވީތީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށާއި ހުރިހާ މުވައްސަސާއެއް ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް ވަގުތީ ހިޔާ އަދި ވެއްޓިފައިވާ ގަސްތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހާދިސާ ހިނގިތާ ދެ ގަނޑިއިރު ފަހުން އެމްއެންޑީއެފް އަދި އެމްއާރްޑީސީ އާއި ޕޮލިހުން އަދި އާއްމުން ގުޅިގެން ވެއްޓިފައިވާ ބޮޑެތި ގަސްތައް ކަނޑައި ވަނީ ނަގަން ފަށާފައެވެ.

މި ހާދިސާގައި ލިބުނު ގެއްލުމުގެ އަގު ބަލަމުން އަންނަ ކަމަށް ސޯބެ ވިދާޅުވިއެވެ.