ރޭ އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކަށް އައްޑޫ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީގެ ޓީމުތަކުން ޒިޔާރަތްކުރަމުން އެބަގެންދަވައެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ގެތަކަށް ލިބުނު ގެއްލުންތައް ބަލައި އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ބަލަމުން ގެންދާ ކަމަށެވެ.
" އަޅުގަނޑުމެން މިދަނީ އެފަރާތްތަކަށް (ގެއްލުން ލިބުނު ގެތަކުގެ) ބޭނުންވާ އެހީތެރިކަން ބަލަމުން، އެއަށް ފަހު ކައުންސިލުން އަމިއްލައަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނަން." އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީ އާއި ކައުންސިލުން ގެތަކުގެ ހާލަތު ބެލުމަށް ފަހު އެ މައުލޫމާތު ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ހިއްސާކުރާނެއެވެ.
ހިތަދޫ އަށް ރޭ އެރި ނަގޫރޯޅީގެ ސަބަބުން 12 ގެއެއް ވަނީ ދިރިނޫޅެވޭ ވަރަށް ހަލާކުވެފައެވެ. މީގެ އިތުރުން ބައެއް ފިހާރަތަކަށް ވެސް ނަގޫރޯޅީގައި ގެއްލުން ލިބިފައިވެއެވެ.
އައްޑޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، އައްޑޫ ސިޓީ ކައުންސިލް އަދި ފުލުހުންނާއި ސިފައިން ގެންދަނީ ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.