Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ނަގޫރޯޅިއާ ގުޅިގެން ރައީސްގެ ހާއްސަ ވަފުދެއް އައްޑު އަށް

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް.

ރޭ ހިތަދު އަށް އެރި ނަގޫރޯޅީގައި ގިނަ ގެތަކަށް ގެއްލުން ވެފައިވާތީ ލިބުނު ގެއްލުން ބެލުމަށާއި އާއިލާތަކާ ބައްދަލު ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހާއްސަ ވަފުދެއް އައްޑު އަށް ފޮނުވުމަށް ނިންމަވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރު ފަހު ވަޑައިގަންނަވާ ވަފްދުގައި އިސްކޮށް ހުންނަވާނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

ރޭގެ ހާދިސާ އާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވަނީ އެހިތާމަވެރި ހާދިސާގެ މައުލޫމާތު ބައްލަވައި ހިތާމައިގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ހާދިސާގެ ގެއްލުން ކައިރިން ބައްލަވަމުން ގެންދަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އައްޑޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެ ގެއްލުން ބެއްލެވުމަށް ރައީސުލް ޖުމްހުރިއްޔާގެ ހާއްސަ ވަފުދެއް އައްޑޫއަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށާއި ވަފުދުގައި އިސްކޮށް ހުންނަވާނީ ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ކަމަށެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އިން ބުނީ ރޭގެ ހާދިސާ އާއި ގުޅިގެން ގެއްލުން ވި ފަރާތްތަކުގެ މައުލޫމާތު އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުގައި 12 ގެއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. ގިނަ ގޭގެ ފުރާޅު އެއްލާލުމާއި ގުޅިގެން ގޭތެރޭގައި ބޭނުން ކުރަމުން ދިޔަ ހުރިހާ ސާމާނެއް ވަނީ ހަލާކުވެފައެވެ.

ގެއްލުން ލިބުނު ގެތަކުން ކަރަންޓް ކަނޑާފައިވާ އިރު އެ ފަރާތްތަކުން މިވަގުތު ދިރިއުޅެމުން ދަނީ އަވަށްޓެރިންގެ އެހީތެރިކަމާއިއެކުއެވެ.

ރޭގެ ނަގޫރޯޅި އާއި އެކު ހިތަދޫ ފަންޖެހިގޭގައި ހުރި 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބިޔަ ޖަމްބު ގަހެއް ވަނީ މުލާއި އެކު އުފުރައިގެން ގޮސްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވެއެވެ. ގަސްތައް ވެއްޓި މަގުތައް ބެދިފައިވާތީ ރޭ ދަންވަރުން ފެށިގެން އެމްއެންޑީއެފް، ޕޮލިސް، އެމްއާރްޑީސީ އަދި ހައުސިން މިނިސްޓްރީ ގުޅިގެން ދަނީ ގަސްތައް ކަނޑައި ސާފު ކުރަމުންނެވެ.