ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ ދަރިފުޅު ގިރިޝް ތައުރާނީ ބޮލީވުޑަށް ތައާރަފް ކުރާ ފިލްމް "ރަމަޔާ ވަސްތާވަޔާ" ގެ ޓްރައިލާ ލޯންޗްކޮށްފި އެވެ.
"ވޯންޓެޑް" އާއި "ރައުޑީ ރާތޯޑް" ފަދަ ކާމިޔާބް ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ "ރަމަޔާ ވަސްތާވަޔާ" ގައި ގިރިޝް އާ އެކު ލީޑް ރޯލުން ފެނިގެން ދާނީ ފިލްމް "ލަކް" އިން ފެނިފައިވާ ކަމަލް ހަސަންގެ ދަރިފުޅު ޝްރޫތީ ހަސަން އެވެ.
މީގެ އިތުރުން މި ފިލްމްގެ މުހިއްމު ރޯލްތަކުން ވިނޯދް ކަންނާ، ޕޫނަމް ދިލަން އަދި ރަންދީރް ކަޕޫރު ފަދަ ފަންނާނުން ވެސް ފެނިގެން ދާނެ އެވެ.
"ރަމަޔާ ވަސްތާވަޔާ" ގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ "ވޯންޓެޑް" އާއި "ރޭސް" ފްރެންޗައިޒްގެ ސްކްރީން ރައިޓަރު ޝިރާޒް އަހުމަދު އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމްގައި ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާ ޖެކޮލިން ފެނާންޑޭޒްގެ އައިޓަމް ލަވައެއް ވެސް ވަނީ ހިމަނާފަ އެވެ.
"ޖާދޫ ކޭ ޖައްޕީ ދޭދޭ ތޫ އަބީ" ގެ ނަން ދީފައިވާ މި ލަވައިގެ މަންޒަރުގެ ތިން ދުވަހުގެ ތެރޭގައި މިހާރު ވަނީ ނަގައި ނިންމާފަ އެެވެ. އަދި އެ ލަވަ އަށް "ރޭސް 2" ފަދަ ފިލްްތަކުން ފެނިފައިވާ ޖެކޮލިންގެ ކޮސްޓިއުމް ތައްޔާރުކޮށް ދީފައި ވަނީ މަޝްހޫރު ޑިޒައިނަރު މަނީޝް މަލްއުތުރާ އެވެ.
"ރަމަޔާ ވަސްތާވަޔާ" ސިނަމާތަަކަށް އަންނާނީ ޖޫން 7 ގަ އެވެ.