Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އާދަޔާހިލާފަށް ކަނޑު ގަދަ ވާނެ: މެޓް

ފޮޓޯ-މިހާރު

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އާދަޔާޚިލާފަށް ކަނޑުގަދަވެ ބައެއް ހިސާބުތަކަށް ނަގޫރޯޅި އެރުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ކޮންމެހެން ކުރަން ޖެހޭ ދަތުރު ނޫން އެހެން ދަތުރު ނުކުރުމަށް މެޓް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކަނޑު ގަދަވުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ހާމަކޮށްފައިވާއިރު އެންމެ ބޯކޮށް ވެހޭނެ ކަމަށް ބެލެވެނީ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ހިސާބުތަކަށެވެ. އެގޮތުން 15 މޭލާއި 25 މޭލަށް ވައި ޖެހޭއިރު، ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުނެފައިވެއެވެ.

ކަނޑު ގަދަވެ އ.ދ ހަންޏާމީދޫ ކައިރިން ދޯންޏެއް އަޑިއަށް ދިއުމުގެ ހާދިސާއެއް މިއަދު ވަނީ ހިނގާފައެވެ. އަދި ރޭގައި އައްޑޫ ސިޓީގެ ހިތަދޫ އަށް ވަނީ ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ.