Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ސ. އަތޮޅު މަދަރުސާގައި އަންނަ މަހު އޭ ލެވެލް ފަށަނީ

ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގައި އަންނަ މަހު އޭ ލެވެލް އަށް ކިޔަވައި ދޭން ފަށާނެ ކަމަށް އެ ސްކޫލުން ބުނެފި އެެވެ.

އެ ސްކޫލްގައި އޭ ލެވެލް ތައާރަފް ކުރުމަށް ނިންމުމާ ގުޅިގެން، ޕްރިންސިޕަލް އައިމިނަތު ޒީނިޔާ ވިދާޅުވީ އަންނަ މަހުގެ ތެރޭގައި އޭ ލެވެލް އަށް ކިޔަވައި ދޭން ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެެވެ. އެގޮތުން ޓީޗަރުން ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީ އާ ގުޅިގެން މަަަސައްކަތް ކުރިއަށްދާ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.

އަތޮޅު މަދަރުސާ އިން ބުނީ އޭ ލެވެލް އަށް ކިޔަވައި ދޭން ފަށާ އިރު، ޖާގައިގެ އެއްވެސް ދަތި ކަމެއް ސްކޫލަށް ދިމާވެފައި ނެތް ކަމަށެވެ.

ޒީނިޔާ ވިދާޅުވީ އެ ސްކޫލްގެ އޭ ލެވެލް އަށް ވަންނަން ބޭނުންވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މި މަހުގެ 28 ވަނަ ދުވަހާ ހަމަައަށް ހުޅުވާލާފައިވާ ކަމަށެވެ.

ޒިނިޔާ ވިދާޅުވީ 160 ދަރިވަރުން މިހާރު ތައުލީމް ހާސިލް ކުރަމުން އަންނަ އަތޮޅު މަދަރުސާގައި އޭ ލެވެލް ފަށާ އިރު، 40 ވަރަކަށް ދަރިވަރުން ކިޔަވާނެ ކަމަށް ލަފާ ކުރައްވާ ކަމަށެވެ. އެގޮތުން ކޮމާސް އާއި ސައިންސް ސްޓްރީމްގެ ދެ ކުލާސް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒީނިޔާ އިތުރަށް ވިދާޅުވީ މިދިޔަ އަހަރު އެ ސްކޫލުން 67 ދަރިވަރަކު އޯ ލެވެލް ހެދި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ކުދިން މަތީ ސާނަވީ އަށް ކިޔެވުމަށް ރަށުން ބޭރަށް ގޮސްފައިވާ އިރު، އަތޮޅު މަދަރުސާގެ ކުރީގެ ބެޗްތަކުގައި އޯ ލެވެލް ދަރިވަރުންގެ ތެރެއިން ރަށުގައި މިހާރު ތިބި ކުދިން އޭ ލެވެލް އާ ގުޅޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސ. އަތޮޅު މަދަރުސާގެ އިތުރުން މި އަހަރު އޭ ލެވެލް ތައާރަފް ކުރަން ނިންމާފައިވާ މަރަދޫ އިރުޝާދިއްޔާ ސްކޫގައި އޭ ލެވެލް އަށް ކިޔަވައި ދޭން ފަށާނީ ޖޫން މަހު ކަމަށް އެތަނުން ބުންޏެވެ.