Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ހަ މީހުން ދަތުރު ކުރި ކޮޅުވެއްޓިއެއް ގެއްލިގެން ހޯދަނީ

މީގެ ދެ ދުވަސް ކުރިން މާލެ އަތޮޅު ތުލުސްދޫން ލ. ގަމަށް ދަތުރު ކުރި ކޮޅުވެއްޓިއެއްގެ ޚަބަރެއް ނުވެ ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހަ މީހަކު ދަތުރުކުރި ސެނޯކް ޕްރައިވެޓް ލިމިޓެޑްގެ ކޮޅުވެއްޓި ގެއްލިފައިވަނީ ދެ ދިވެހިންނާއި ހަތަރު ބިދޭސީއަކު ދަތުރުކުރަމުން ދަނިކޮށެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ "މާރިޔާ 3" ނަމަކަށް ކިޔާ މި ކޮޅުވެއްޓީގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 9:30 އެހާކަށް ހާއިރެވެ.

މިކޮޅުވެއްޓަކީ ފެހި ކުލައިގެ ދަވާދު ލާފައި ހުރި ކޮޅުވެއްޓިއެކެވެ. ދިގުމިނުގައި 168 ފޫޓު ހުރި ކޮޅުވެއްޓީގެ ފަހަތުގައި ހުދު ކުލަ ލާފައިވާ ވީލްހައުސްއާ އެކު މަތީގައި ލާފައި ހުރީ ރަތް ދަވާދެވެ.

މިކޮޅުވެއްޓީގެ އެއްވެސް ޚަބަރެއް ލިބިފައިވާ ފަރާތަކުން އެމްއެންޑީއެފްއަށް ގުޅައި އެންގުމަށް ގައުމީ ދިފާއީ ބާރުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މޫސުން ގޯސް، ކަނޑު ގަދަ މިދުވަސްވަރުގައި މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި ސަލާމަތީ ފިޔަވަޅުތައް އެޅުމަށްފަހު ނޫނީ ދަތުރު ނުފެށުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.